މީގެ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ކުރިން ގެއްލިގެން ހޯދި ޕާކިސްތާނު މީހެއްގެ ހަށިގަނޑު އެއްވެސް ގެއްލުމެއް ނުލިބި ރައްކާ ކުރެވިފައި ވަނިކޮށް ފެނިއްޖެ އެވެ.
ޕާކިސްތާނުގެ ހަބަރުތައް ބުނާ ގޮތުގައި ކޮހިސްތާން ނަމަކަށް ކިޔާ ސަރަހައްދުން އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ވިރެމުންދިޔަ ގަނޑުފެންގަނޑެއްގެ ތެރެއިންނެވެ.
އެ މީހާއަކީ 1997 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ގަނޑުފެން އޮތް ސަރަހައްދަކަށް ވެއްޓުނު ފަހުން ހޯދާ ނުފެނިފައިވާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ނަސީރުއްދީން ކަމަށް ޕާކިސްތާނުގެ ފުލުހުން މައުލޫމާތުދެ އެވެ.
ބުނެވޭ ގޮތުގައި ނަސީރުއްދީންގެ ހަށިގަނޑަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާއިރު ހަށިގަނޑު ފެނުނުއިރު އޮތީ ގެއްލުނުއިރު ލައިގެން ހުރި ހެދުމާވެސް އެކުގަ އެވެ. އެއާއެކު އޭނާގެ އައިޑީ ކާޑުވެސް ފެނިފައިވެ އެވެ.
ނަސީރުއްދީންގެ ހަށިގަނޑު ފެނުނު ދަނޑުވެރިޔާ ކަމަށްވާ އޮމަރު ޚާން ބުނީ އެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާތީ ހައިރާންވި ކަމަށެވެ.
ސްނޯ ވެހޭ ސަރަހައްދަކަށް މީހަކު ވެއްޓިއްޖެނަމަ ސްނޯތަކުގެ ދަށުވެ ވަރަށް އަވަހަށް ހަށިގަނޑު ގަނޑުކޮށްލަ އެވެ. ނަތީޖާއަކަށްވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ ހަށިގަނޑު ރައްކާކުރެވިފައި އޮތުމެވެ.
ނަސީރުއްދީންގެ ހަށިގަނޑު ފެންނަން މެދުވެރިވީ ކޮހިސްތާނުގެ ސަރަހައްދަށް ސްނޯ ވެހުން މަދުވެފައިވުމުން ކުރިން އުފެދުނު ގަނޑުފެންތައް ވިރެން ފަށާފައިވުމުންނެވެ.