ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއާއެކު މަސައްކަތް ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އޭނާގެ ފިލްމު "ސިކަންދަރް"ގެ ޑައިރެކްޓަރު އޭއާރު މުރުގަދޮސް ބުނެފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި މުރުގަދޮސް ބުނީ ސަލްމާންގެ ސަބަބުން ޝޫޓިންތަކަށް ބުރޫ އަރައި އެހެން އެކްޓަރުންނަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށެވެ.
އެގޮތުން ސަލްމާން ސެޓަށް އަންނަނީ ވެސް ރޭގަނޑު 8ގެ ފަހުން ކަމަށާއި އެހެން ކަމުން ފިލްމުގެ މަސައްކަތް ކުރަން ލިބޭ ވަގުތު ވަރަށް މަދު ކަމަށް ވެސް މުރުގަދޮސް ފާހަގަކުރި އެވެ.
"މަޝްހޫރު ތަރިއަކާއެކު މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން. ދުވާލު ނަގަންޖެހޭ މަންޒަރުތައް ވެސް އޭނާ ލަހުން އަންނާތީ ނަގަން ޖެހެނީ ރޭގަނޑު" މުރުގަދޮސް ބުންޏެވެ.
ސަލްމާންގެ އިތުރުން ރަޝްމިކާ މަންދަނާއާއި ކާޖަލް އަގަރްވާލް މުހިއްމު ރޯލުތަކުން ފެނިގެންދާ "ސިކަންދަރު"އަށް ބޮކްސް އޮފީހުގައި ލިބުނީ ފިނި ތަރުހީބެކެވެ.
މަސައްކަތުގައި ސަލްމާން ގެންގުޅޭ އާދަތަކާ ބެހޭގޮތުން ޑައިރެކްޓަރުން މީގެ ކުރިން ވެސް ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން ވަގުތަށް ފަރުވާތެރި ނުވުމާއި އެހެން އެކްޓަރުންނަށް އުނދަގޫވާ ފަދަ ކަންކަން ކުރާ ކަމަށް ބައެއް ޑައިރެކްޓަރުން ފާހަގަ ކޮށްފައިވެ އެވެ.