ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު ކަންތައްކުރާނެ ގޮތް ސަރުކާރަށް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އުވައިލުމާ ގުޅިގެން އެކި ގާނޫނުތަކުގައި އެ އޮތޯރިޓީއާ ގުޅޭ ގޮތުން ހުރި މާއްދާތައް އިސްލާހުކުރުމަށް މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ބަހުސްކުރައްވަމުން ސަޢީދު ވިދާޅުވީ، ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނު އުވާލައި އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ވަސީލަތްތަކާއި މުވައްޒަފުން ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްގެން ސަރުކާރުން ކުރަން އުޅެނީ ކޮން ކަމެއްކަން، ސަރުކާރަށް ވެސް ނޭނގޭ ކަމަށެވެ.

ސައީދު ވިދާޅުވީ، ލާމަރުކަޒުކުރަން އައި ސަރުކާރުން މިކުރާކަމަކީ ބާރުތައް އިތުރަށް ވަކި މިނިސްޓްރީތަކެއްގައި މަރުކަޒުކުރުން ކަމަށެވެ. އަދި ސަރުކާރަށް ވެސް މި އިސްލާހުތަކުން ހާސިލުކުރަން އުޅެނީ ކޮން ކަމެއްކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ތާއީދު ނުކުރައްވާ ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ޓްރާންސްޕޯޓް އޮތޯރިޓީ މުހިއްމުވުމުން ކަމަށެވެ. އަދި އެ އޮތޯރިޓީ އުވާލުމުގެ ބަދަލުުގައި ކުރަންވީ އިސްލާހު ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައ ޓްރާންސްޕޯޓް އޮތޯރިޓީ ބެލެހެއްޓެވި ވަޒީރު ވިދާޅުވީ އޮތޯރިޓީ އުވާލުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީއަށް ބާރު ދިނުމަކީ، މި ސަރުކާރުގެ ބާރުތަށް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ދިނުން ކަހަލަ ކަމެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އަބިކަނބަލުން އައިޝަތު ނަހުލާ އެވެ.