އއ. މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމް މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އަބްދުއްރަހްމާން މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް،22، އާއި އެ ރަށު ފިނިވާގެ، އަހްމަދު ފާރިސް،27،ގެ އިތުރުން ފިޔަ، އަހްމަދު އާޝިދު،27، އެވެ.

ފުލުހުން ބުނީ އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވިޝާމާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި އާޝިދު ފަސް ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގިނަ ދުވަސްތަކެއް ވަންދެން މާޅޮހުގައި ކުރި މަސައްކަތުން ފުލުހުން ވަނީ އެ މައްސަލައާ ގުޅޭ ގިނަ ކަންތައްތަކެއް ހޯދާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުންގެ މެދުގައި ޖެހުނު މައްސަލަ އަކީ އާޝިދުގެ އާއިލާ މީހަކަށް އަބްދުއްރަހްމާންގެ ދަރިއަކު ދިން ފައިސާތަކެއް އަނބުރާ ދޭން ދެކޮޅު ހެދުމުން ޖެހުނު މައްސަލައެކެވެ. އެ މައްސަލަ އުފެދި ދެބަސްވުންތަކެއް ވެސް އުފެދިފައިވާއިރު، އާޝިދުގެ އާއިލާ ބަޔަކަށް އަބްދުއްރަހްމާން ސިހުރު ހެދިކަމުގެ ތުހުމަތުތަކެއް ވެސް ހިމެނެ އެވެ.

އެގޮތުން އާޝިދު މަންމަ ދިރިއުޅޭ ގޭދޮށަށް ކިޔަވާފައި އަބްދުއްރަހުމާނު ފެން އަޅާ ވީޑިއޯއެއް ވެސް އެ ރަށު ބައެއް މީހުންނަށް ފެނިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެ މީހުންގެ ތެރެއިން ވިޝާމަކީ މާޅޮހު ޔޫތު އެސޯސިއޭޓް ކަމަށް ރައީސް މުހައްމަދު އައްޔަންކޮށްފައިވާ މީހެކެވެ. ފާރިސް އާއި އާޝިދަކީ ސްޓެލްކޯގެ މުވައްޒަފުންނެވެ.