ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށް ލާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މެމްބަރު އައްބާސް މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އައްބާސް ވިދާޅުވީ ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވާދަ ނުކުރެވޭނެ ކަމަށާއި ރައީސް ޔާމީން ޖަލަށް ލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންނާއި ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

އައްބާސް ވިދާޅުވީ އެ ބޭފުޅުން އެގޮތަށް ވިދާޅުވީ އޭނާ ގެ ކުރިމަތީގައި އެކި ދުވަސް މަތިން މަޖިލީހުގެ ކުޑަ ދަށުގައި ތިއްބަވައިގެން ކަމަށެވެ. އަދި ތަކުރާރުކޮށް އެފަދައިން ބުނަމުން ދިއުމަކީ ޝަރުއީ ނިޒާމް އަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާވަރު ހާމަވާ ކަމެއް ކަމަށް އައްބާސް ލިޔުއްވާފައިވެ އެވެ.

އައްބާސް ވިދާޅުވީ، މި ސަރުކާރުން ޔާމީން ޖަލަށްލާނެ ކަމަށް ފަލާހުގެ އިތުރުން ވެސް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވެސް ބުނަމުންދާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޔާމީންގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ބޭއްވި ޖަލްސާއަށްފަހު، ފަލާހު ހިމެނޭ ގޮތަށް ޕީއެންސީގެ ގިނަ ލީޑަރުން ދަނީ ޔާމީނަށް ފާޑުކިޔައި ރައްދު ދިނުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ޔާމީނުގެ ވެރިކަމުގައި އަދި މިހާރު ވެސް އެންމެ ބޮޑަށް ވައްކަން ކުރަމުންދާ އެއް މަޖިލިސް މެންބަރަކީ ފަލާހު ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އެގޮތުން ޕީއެންސީ މެންބަރުންނަށް ފަނިފޮދު ޖައްސަމުން ދޮންކަޅު ނާންގާ ބޮޑުބައި ޖީބައްޖަހައިގެން ދުވަނީ ފަލާހު ކަމަށެވެ. އަދި މިއީ އޭނާ ދައްކާ ވާހަކައެއްނޫން ކަމަށާއި މިއީ ޕީއެންސީގެ ޕާލަމެންޓު މެންބަރުންތަކެއް އެކި ފަހަރު މަތިން ދައްކާ ވާހަކަތަށް ކަމަށް ވެސް އައްބާސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ވެސް، ތަރައްގީގެ މަޝްރޫއުތައް ހުއްޓުމާއި ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ ނިޒާމު ފުނޑާލަމުންދާ ކަމަށް ވިދާޅުވެ، އައްބާސްގެ ޕޯސްޓުތަކުގައި ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒަށް ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.

އައްބާސް ފަހަކަށް އައިސް ގެންދަވަނީ މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ޕޯސްޓުތައް ވެސް ކުރައްވަމުންނެވެ.