އުމުރުން 81 އަހަރުގައި ބޮލީވުޑްގެ މަޝްހޫރު ވެޓެރަން އެކްޓަރު ސައިރާ ބާނޫ ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގެ އެކައުންޓެއް ހުޅުވައިފި އެވެ.
ސައިރާ އޭނާގެ 81 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކްސް އެކައުންޓެއް ހުޅުވާފައިވާއިރު އޭނާގެ އެންމެ ފުރަތަމަ ޕޯސްޓުގައި މާޒީގެ ހަނދާން އާކޮށްފައިވެ އެވެ.
އެގޮތުން އޭނާގެ ފިރިމީހާ ދިލިޕް ކުމާރުގެ ހަނދާން އާކުރަމުން ސައިރާ ވަނީ ދިލިޕްއާއެކު ފާހަގަކުރި އޭނާގެ އުފަން ދުވަހެއްގެ ފޮޓޯ ވެސް ހިއްސާ ކޮށްފަ އެވެ.
"މިއަދު އަހަރެން މި ކުރިމަތިލަނީ ދިރިއުޅުމުގެ އާ އަހަރަކަށް. ތިޔަ އެންމެ ބޭފުޅުންގެ ލޯތްބާއި ދިލިޕްގެ ހަނދާންތަކާ ވެސް އެކު" ސައިރާ ބުނެފައިވެ އެވެ.
އެކްސްގެ އިތުރުން ސައިރާއަކީ އިންސްޓަގްރާމްގައި ވެސް ހަރަކާތްތެރި ފަންނާނެއްކަން ފާހަގަ ކޮށްލެވެ އެވެ. އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީގައި ވެސް އުފަންދުވަހާ ގުޅިގެން ޕޯސްޓެއް ހިއްސާކޮށްފަ އެވެ.
60ގެ އަހަރުތަކުގައި ކައިވެނިކުރި ސައިރާއާއި ދިލިޕްގެ ކައިވެންޏަކީ ގިނަ ބަޔަކު އެ ކައިވެންޏެއްގެ މިސާލު ދޭ ކައިވެންޏެކެވެ. 2021 ވަނަ އަހަރު ދިލިޕް މަރުވިއިރު އެ ކައިވެންޏަށް 55 އަހަރު ފުރިފައިވެ އެވެ.