ގައުމު ހަލާކުވެ ރައްޔިތުން ބިކަހާލުގައި އުޅެންޖެހިފައި މިވަނީ އަލީ އާރިފުމެން ކަހަލަ ދެފުއްދެގޮތް މުނާފިގުންގެ ސަބަބުން ކަމަށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ އެންމެ އިސް އެއް މިނިސްޓަރު އާރިފަކީ ރައީސް މުހައްމަދު މުއިއްޒާ ދެބެންގެ ދެދަރި ބޭފުޅެކެވެ.

އައްބާސް މިހެން ވިދާޅުވީ ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހަކީ އެއްވެސް މީހަކަށް ގެއްލުމެއް ދޭނެ ބޭފުޅެއް ނޫން ކަމަށް އާރިފް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާރިފް ވިދާޅުވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު، މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހަކީ އެއްވެސް މީހަކަށް ގެއްލުމެއް ދޭން ގޮވާލައި ހިތްވަރުދެއްވާނެ ބޭފުޅެއް ނޫން ކަމަށާއި ފަލާހުގެ ވާހަކަތަކުގެ ކޮންޓެކްސްޓުން ބޭރުން ކިތަންމެ މާނައެއް ވެސް ނެރެވިދާނެ ކަމަށެވެ.

ނޫސްވެރިކަމުގެ ގަލަމަކީ ހަތިޔާރެކޭ ބުނާ އަޑުއަހާ ކަމަށާއި ހަތިޔާރަށް ރައްކާތެރި ވާން ޖެހޭނެ ކަމަށް އާރިފް ވިދާޅުވެފައިވެ އެވެ.

އާރިފްގެ މި ވާހަތަކަށް ރައްދުދެއްވައި އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއް ޕާޓީން އަނެއް ޕާޓީން އެކި ސިޔާސީ ލީޑަރުންނަށް އެކި ދުވަހު އެކި ގޮތަށް ހުތުރުބަހުން ހިތުހުރިހާ އެއްޗެއް ގޮވަމުން "ކާޅެއްހެން" ދުވި ބޭފުޅެއްގެ ކަންފަތުގައި މަޑުހެދިފައި ހުރީމައި ރޯމާ ދުވާލު ރައްޔިތުން ކުރިމަތީގައި ފަލާހު ގޮވި އެއްޗެއްގެ އަޑު ނީވެދާނެ ކަމަށެވެ.

ގައުމު ހަލާކުވެ ރައްޔިތުން ބިކަހާލުގައި އުޅެންޖެހި ފައި މިވަނީ އާރިފް ކަހަލަ ދެފުށް ދެގޮތް މުނާފިގުންގެ ސަބަބުން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ، އަދި އާރިފްމެން ކަހަލަ މީހުންނަށް މީހުން ކިޔާ އުޅެނީ ސިޔާސީ ކާޅުން ކަމަށާއި އަމިއްލަފުޅަށް ތިމަން މަނިކުފާނުގެ މުޑުދާރު ސިޔާސީ ހިސްޓްރީއަށް ބައްލަވާލެއްވުމަށް ވެސް އައްބާސް ވަނީ އާރިފްއަށް ގޮވާލާފަ އެވެ.

މިނިސްޓަރެއްގެ މަގާމުގައި ހުންނަވައިގެން ވިދާޅުވާ އެއްޗެއް ގަބޫލުކުރާނެ ދިވެހި ރައްޔިތަކު ހުރިތޯ ސުވާލު އުފައްދަވަމުން އައްބާސް ވިދާޅުވީ އަބަދު ތިޖެހެނީ ކޮންމެވެސް ސިޔާސީ ބޭފުޅެއްގެ ޕޯސްޓު ޝެއާކޮށްލަން ކަމަށާއި އެއަށް ރިއެކްޓުކޮށްލާނެ 50 ވަރު ވެސް ހަމަނުވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ އެއީ އެފަދައިން ކަންތައް އެވަނީ އެ މަނިކުފާނުގެ ފަސްބައި ސާފު ނުވެފައި މުޑުދާރުވީމަ ކަމަށާއި އަދި ތާއަބަދު އަބަދަށް ޖައްސަވަމުން ދުވާތި ކަމަށެވެ.

ޕީއެންސީ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހީމް ފަލާހު ވަނީ ރާއްޖޭގެ ނޫސްވެރިން "އުލު ބައިންދަން" ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ނޫސްވެރިން މަރަން ގޯވާލުންކަމަށް ބުނެ އެމްޖޭއޭއިން މިހާރު ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފަ އެވެ.