ފަޔާ ލޮރީ ހަލާކުވެގެން ފުވައްމުލަކު އެއާޕޯޓު ވަގުތީ ގޮތުން މިއަދު ބަންދުކޮށްފި އެވެ.

ފުވައްމުލަކު އެއާޕޯޓުގެ މެނޭޖަރު ހުސެއިން ޝަރީފު "ހުރިހާ"އަށް ވިދާޅުވީ އެ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ވެހިކަލްއަށް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށެވެ. އަދި އެ ވެހިކަލް މަރާމާތު ކުރެވެންދެން އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަޔާ ވެހިކަލްއަށް މައްސަލަ ދިމާވުމުން ކެޓަގަރީ ޒީރޯގައި އޮތީ. އެހެންވެ މިވަގުތަށް އެއާޕޯޓުގެ ރަންވޭ ބަންދު،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަޔާ ވެހިކަލަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ އެއާޕޯޓުގައި މިވަގުތު އޮތީ ބޭނުންކުރެވޭ އެންމެ ފަޔާ ވެހިކަލެވެ. އެ ވެހިކަލްގައި މައްސަލަ ދިމާވީ މިއަދު ހަވީރު އަންނަން ހަމަޖެހިފައި އޮތް ފްލައިޓް ޖެއްސުމުގެ ކުރިން ޓެސްޓަށް ރަންވޭމަތީގައި ދުއްވަން ނުކުމެ އުޅެނިކޮށް ކަމަށްވެ އެވެ.

ފުވައްމުލަކު އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރި އިރު، ފްލައިޓެއް އޮތީ މާލެއިން ފުވައްމުލަކަށް ފުރަން ފަސިންޖަރުން ވެސް ބޯޓަށް އަރުވައިފަ އެވެ. ނަމަވެސް ރަންވޭ ބަންދުކުރުމާއެކު ފްލައިޓުން ފަސިންޖަަރުން ވަނީ ބާލައިފަ އެވެ.

ފުވައްމުލަކަށް މޯލްޑިވިއަނުން ކޮންމެ ދުވަހަކު މަދުވެގެން ދެ ފްލައިޓް އޮޕަރޭޓްކުރެ އެވެ.