ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ހއ. ބާރަށު ޕްރީ ސްކޫލަށް ޓީޗަރަކު ނެގުމުގެ މަސައްކަތް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ބަދަލުގެނެސްފައި ވަނީ އޮގަސްޓް 15 ވަނަ ދުވަހު އެވެ. ބާރަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވަނީ ގާނޫނަށް ގެނައި އެ ބަދަލުތަކާ ގުޅިގެން ކައުންސިލުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުއްޓިފައިވާ ކަމަށެވެ.

އެގޮތުން އެ ރަށު ޕްރީ ސްކޫލަށް ވަގުތީ ޓީޗަރަކު ނެގުމުގެ މަސައްކަތާއި ކައުންސިލުގެ އިދާރާއަށް ކައުންސިލް އޮފިސަރެއް ނެގުމުގެ މަސައްކަތުގެ އިތުރުން ބާރަށުގެ އިޖުތިމާއީ ސަރަހައްދު ކުނިކަހައި ސާފުކޮށް ބަލަހައްޓާނެ މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ހުއްޓާލަން ޖެހިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ގެނެސްފައި ވަނީ އެ ބަދަލުތަކުގެ ސަބަބުން ކައުންސިލްތައް ހިންގުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބުނެ އެކަން ނުކުރުމަށް ރާއްޖޭގެ ގިނަ ކައުންސިލްތަކުން އާދޭސް ކުރަމުން ދަނިކޮށެވެ.

ދާދިފަހުން ރައީސް މުއިއްޒު އަތޮޅު ތެރެއަށްކުރެއްވި ދަތުރުފުޅުގައި ވެސް ކައުންސިލްތަކުން ވަނީ ގާނޫނަށް އެ ބަދަލު ގެނައުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލާފަ އެވެ.

ނަމަވެސް ކައުންސިލްތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ބީރުކަންފަތެއް ދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރައްވާފަ އެވެ.