ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރައްވާ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް ޖެހިގެން މި ވަގުތު ގޭގައި މަޑުކުރައްވާތީ، ފުލުހުންގެ ބޯޑުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރި ވަޑައިގަންނަވަނީ އޮންލައިންކޮށް ކަމަށަވެ.

"މި ބޯޑުގައި ހިމެނޭ ހަތް މެންބަރުންނަށް އަޅުގަނޑު މަރުހަބާ ކިޔަން، އަދި ފުލުހުން ޒިންމާދާރުކޮށް މަސައްކަތްކުރުމަށްޓަކައި އެ ބޯޑަކީ 'ކްރިޓަކަލް ޕާޓްނަރެއް'ގެ ގޮތުގައި ބަލައިގެން މަސައްކަތްކުރާނަން،" ޓުވީޓުގައި ހަމީދު ވިދާޅުވި އެވެ.

ހަމީދު ކޮވިޑަށް ޕޮޒިޓިވްވީ ކޮން ދުވަހަކު ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް ހަމީދު ވަނީ މިދިޔަ ހަފްތާގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ވެސް ޖެއްސަވައިފަ އެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުމުން، ކޮވިޑަށް ޕޮޒިޓިވްވުމުގެ ފުރުސަތު 63.09 ޕަސެންޓަށް ދަށްކޮށްލަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ވެކްސިން ޖަހަން ރާއްޖޭގައި ފެށީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި، 25،396 މީހުން ކޮވިޝީލްޑްގެ ދެ ޑޯޒް ޖަހާފައި ވެ އެވެ.