މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑިކަމަށާއި މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުސީބާތަކުން މާތް الله އެ މީހަކު ސަލާމަތް ކުރައްވާނޭކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މުޖުތަމައު އިސްލާހުކުރުން، އެންމެންގެ ޒިންމާގެ މައުޟޫއަށް ހާއްސަކޮށްފައިވާ މިއަދުގެ ހުތުބާގައި ވަނީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއް ކަމަކީ މައިންބަފައިންނަށް އުރެދި، އެ ބައިމީހުންނަށް ނުކިޔަމަންތެރިވުން ކަމަށެވެ. އަދި މުސްކުޅިވި ދުވަހު ވެސް ބައެއް މީހުން އެބައިމީހުންގެ މައިންބަފައިންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދޭކަން ހުތުބާގައި ފާހަގަކުރި އެވެ.
" ހޮސްޕިޓަލުތަކުގައްޔާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ހާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ އިންސާނާއެވެ! މަރުގެ ވޭންވަރުގެ ތެރެއަށް ތިބާ ވެއްޓޭ ހިނދު، ތިބާއަށް ސަލާމަތްވެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެ އެވެ" ހުތުބާގައި ބުންޏެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ އުމުރުގައި ބަރަކާތްލައްވާ ކަމެއްކަމަށާއި އެބައިމީހުންނަށް ހެޔޮކޮށް ހިތުމަކީ ބާއްޖަވެރިކަމުގެ ތަޅުދަނޑި ކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ. އެހެންވެ، މައިންބަފައިން ނިކަމެތިކޮށް ދޫކޮށްނުލާން ވަނީ ނަސޭހަތްތެރިވެފަ އެވެ.