ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އދ ގެ އާއްމު ޖަލްސާގައި ބައިވެރިވުމަށް ނިއުޔޯކަށް ވަޑައިގެންނެވުމަށް އެމެރިކާއިން ވިސާ ނުދިނުމުން، ވީޑިއޯ މެދުވެރިކޮށް ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދިނުމަށް އދގެ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.

ހުކުރު ދުވަހު މިގޮތަށް ފާސްކުރީ 145 މެމްބަރު ގައުމުގެ ތާއީދާ އެކު އެވެ. މިކަމާ ދެކޮޅަށް ފަސް ގައުމަކުން ވޯޓު ދިންއިރު، ވަކިގޮތަކަށް ވޯޓު ނުދޭ ހަ ގައުމެއް ތިއްބެވެ.

މި ވޯޓާއެކު އައްބާސް ހިމެނި ވަޑައިގަންނަވާގޮތުން ފަލަސްތީނުގެ އޮފިޝަލުންނަށްވެސް އދ ގެ ބައްދަލުވުންތަކާއި ކޮންފަރެންސްތަކުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އެވެ.އެމެރިކާއިން މިދިޔަ މަހު ވަނީ ރައީސް އައްބާސް އާއި ފަލަސްތީނުގެ 80 މީހަކަށް ނިއުޔޯކަށް ވަނުމަށް ވިސާ ނުދޭނެކަމަށް ބުނެފަ އެވެ. އެމެރިކާއިން ބުނާ ގޮތުން ފަލަސްތީން ލިބަރޭޝަން އޯގަނައިޖޭޝަން އަދި ފަލަސްތީނުގެ އޮތޯރިޓީތަކާއި ގުޅުންހުރި އެއްވެސް މީހަކު އެމެރިކާއަށް ވަނުމަށް ވިސާ ނުދޭނެ އެވެ.

އދ ގެ 1947 ހެޑްކުއާޓާސް އެގްރީމެންޓުގައި ވާގޮތުން އދގައި ބައިވެރިވާ ޑިޕްލޮމެޓުންނަށް ނިއުޔޯކަށް ވަނުމަށް އެމެރިކާގެ ހުއްދަ ބޭނުންވެ އެވެ.

ފަލަސްތީނުގައި ދެ ދައުލަތް އުފެއްދުމަށް ތާއީދުކޮށް ހޯމަ ދުވަހު ބާއްވާ އދ ގެ ސަމިޓްގައި އައްބާސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސަމިޓުގައި ބައެއް ގައުމުތަކުން ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.