ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތް ފުރަތަމަ ޖީ ހަތެއްގެ ގައުމަކަށް ކެނެޑާ ވެއްޖެ އެވެ.

ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތްކަން އިއުލާން ކުރިތާ އިރުކޮޅެއްގެ ތެރޭގައި އޮސްޓްރޭލިއާއިން ވެސް ވަނީ އެކަން އިއުލާން ކޮށްފަ އެވެ.

އެއަށްފަހު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާވެސް ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމިކަން އިއުލާން ކުރައްވާފަ އެވެ.

އެ ގައުމުން މި ގޮތަށް ނިންމާފައި މިވަނީ މި އަހަރުގެ ޖުލައި މަހު ބޮޑުވަޒީރު ސްޓާމާ ވިދާޅުވިގޮތަށް، އިޒްރޭލުން ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުނުކުރާނަމަ ސެޕްޓެމްބަރު މަހު އިނގިރޭސި ވިލާތުގެ ވިސްނުން ބަދަލު ކުރާނެކަމަށް ވިދާޅުވި ވިދާޅުވުމާ ގުޅުވައިގެނެވެ.

މިއީ އިނގިރޭސި ވިލާތުގެ ޚާރިޖީ ސިޔާސަތައް ގެންނަ ބޮޑު ބަދަލަކަށް ވެގެން ދާނެ އެވެ. ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ވެގެންދާނީ ސުލްހައަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކަމަށް ސްޓާމާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސި ވިލާތުގެ މި ވިސްނުމާއި ގުޅިގެން އިޒްރޭލު ސަރުކާރުން ވަނީ ފާޑު ކިޔާފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ މީގެ ކުރިން ބުނެފައިވަނީ އެ ނިންމުން ވެގެންދާނީ ޓެރަރިޒަމަށް ދެވޭ ހިތްވަރަކަށް ކަމަށެވެ.

މިހާރުވެސް ދުނިޔޭގެ 150 ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަނެ އެވެ.

އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށް އެއްގަމު މަގުން ހަމަލާތައް ދިނުން އިތުރު ކޮށްފައިވާއިރު، ޣައްޒާގެ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ. އިޒްރޭލުން ގެންދަނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއަޅައި ދަތިކުރަމުންނެވެ.

މިހަފްތާގައި އދ ގެ ކޮމިޝަން އޮފް އިންކުއަރީން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަނީ ގަތުލްއާއްމެއް ކަމަށް ބުނެފަ އެވެ.