އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް ދީނީ އިލްމުވެރިން ތަކުރާރުކޮށް ބުނަމުން ދަނިކޮށް، ޔޯގާގެ ކްލާސްތައް ނަގައިދޭ ސްޓޫޑިއޯއެއް ރާއްޖޭގައި ހުޅުވައިފި އެވެ.

ކަސްރަތުގެ ދެ ބާވަތެއް ކަމަށްވާ ޔޯގާއާއި ޕިލާޓީސް ކްލާސްތައް ނަގައިދޭ ބެލެންސް ސްޓޫޑިއޯ ހުޅުއްވައިދެއްވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ދަނޑުވެރިކަމާ ބެހޭ ވަޒީރު މަރިޔަމް މާރިޔާއެވެ.

އެ ސްޑޫޑިއޯގެ އެއް ހިއްސާދާރަކީ ޒުވާނުންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދުގެ އަނބިކަނބަލުން ލީނާޒް ހުސައިން އެވެ.

އެތަން ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ވަޒީރު މާރިޔާ ވިދާޅުވީ، ޕިލާސްޓީސްއަކީ ވަރަށް މަޝްހޫރު ކަސްރަތެއް ކަމަށާއި އެ ކަސްރަތުން އެކިކަހަލަ ފައިދާތައް ލިބޭ ކަމަށެވެ.

މާރިޔާ ވަނީ އޭނާ ވެސް އެ ކަސްރަތު ހައްދަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ހުރިހާ އުމުރެއްގެ އަންހެނުން ވެސް އެ ކަސްރަތު ކުރުން ރަނގަޅު ކަމަށް ވަޒީރު ވިދާޅުވި އެވެ.

ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ރާއްޖޭގެ ހުރިހާ ދީނީ އިލްމުވެރިން ވެސް އިއްތިފާގުވެ އެވެ. ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ވަޒީރަކު ވެސް އެފަދަ ކަސްރަތު ނަންގަވާ ކަމަށް ވިދާޅުވިއިރު، ރައީސް މުއިއްޒު މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއްނުވެ އެވެ.

ޔޯގާއާ ދެކޮޅަށް އެންމެ ގަދަޔަށް ވަކާލާތު ކުރައްވާ ޖަމިއްޔަތުއްސަލަފްގެ ދީނީ އިލްމުވެރިން ވެސް މިކަމާ ދެކޮޅަށް އެއްވެސް ބަހެއް ބުނެފައެއްނުވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ދީނާ ހިލާފު ކަމެއް ކުރިޔަސް ބަހެއް ނުބުނެ ސަލަފުގެ އިލްމުވެރިން ހަނުތިބޭތީ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.