އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ނޯބެލް ސުލްހައިގެ އިނާމު ލިބޭނީ، އިސްރާއީލުން ޣައްްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓުވުމުން ކަމަށް، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނިއު ޔޯކުގައި ކުރިއަށް ދިޔަ އދ. ގެ ޖެނަރަލް އެސެމްބްލީގެ ތެރެއިން ބީއެފްއެމް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މެކްރޮން ވިދާޅުވީ، މިހާރު އޮތް ހާލަތުގައި އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅޭނެ ފަރާތަކީ އެމެރިކާގެ ރައީސް ކަމަށެވެ.
މެކްރޮން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް އެކަމުގައި ވަރަށް ގިނަ މަސައްކަތް ކުރައްވާ މަންޒަރު ފެންނަ ކަމަށެވެ. އަދި އދ. ގެ ޖެނަރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ސުލްހަވެރިކަން ބޭނުންވާ ކަމަށާއި، ހަނގުރާމަ ނިންމާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް މެކްރޮން ފާހަގަ ކުރެއްވި އެވެ.
އެކަން ފާހަގަ ކުރައްވައި މެކްރޮން ވިދާޅުވީ، ޓްރަމްޕް ބޭނުންފުޅު ވަނީ ނޯބެލް ސުލްހައިގެ އިނާމު ހާސިލު ކުރަން ކަމަށެވެ. އެހެންކަމުން، ޓްރަމްޕް އަށް ނޯބެލް ސުލްހައިގެ އިނާމު ލިބެން އޮތީ ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނެސްގެން ކަމުގައި މެކްރޮން ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދުކުރަމުން ދަނީ އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުންކޮށްގެންނެވެ.
މީގެ އިތުރުން މެކްރޮން ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމަށް ފްރާންސް އިން ނިންމި ނިންމުމާ މެދު، އެމެރިކާ އާއި އިސްރާއީލް އިން ދެކޮޅު ހަދާފައިވާ ކަމަށެވެ. ނަމަވެސް، އިސްރާއީލް އަށް އެންމެ ބޮޑު ނުފޫޒެއް، ނުވަތަ ޕްރެސަރެއް ދެވޭނީ ވެސް އެމެރިކާ އަށް ކަމަށް މެކްރޮން ވިދާޅުވި އެވެ.
އެކަމުގެ ސަބަބެއްގެ ގޮތުގައި މެކްރޮން ވިދާޅުވެފައި ވަނީ، ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދަން އެމެރިކާ އިން އިސްރާއީލް އަށް ހަތިޔާރު ދިނުމެވެ. މެކްރޮން ވިދާޅުވީ، ފްރާންސް އިން އިސްރާއީލް އަށް އެއްވެސް ހަތިޔާރެއް ދީފައި ނުވާނެ ކަަމަށާއި، ޣައްޒާ ހަނގުރާމަ ކުރިއަށް ގެންދަން ހަތިޔާރު ނުދޭ ކަމަށެވެ.
ފަލަސްޠީނުގެ ދައުލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ހަގީގަތުގައި އުފެދޭނީ އިސްރާއީލް އިން އެކަން ބަަލައި ގަންނަ ދުވަހަކުން ކަމަށެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަންނަން ފްރާންސް އިން ނިންމުމާ އެކު، އިސްރާއީލް އިން ވަނީ މެކްރޮން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.