ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް ތަންފީޒު ކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ވިދާޅުވެ އެ ގާނޫނު އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރަށް އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ގޮވާލައްވައިފި އެވެ.
ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލަތަކުގެ އަޑު ކަނޑުވާލުމުގެ މަގްސަދުގައި ފާސްކުރި އެ ބިލް ތަސްދީގު ކުރީ މީގެ ހަފްތާއެއް ދުވަސް ކުރިންނެވެ.
އެ ބިލަކީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލާއި އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އަޑީގައި ތިބެގެން ފަރުމާކޮށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި ހުށަހެޅުއްވި ބިލެކެވެ.
އެ ބިލް ފާސްކުރީ ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގަ އެވެ.
މިއަދު އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހުން ވެސް ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކީ ހިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
"މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނަކީ، ދިވެހިރާއްޖެއިން އެއްބަސްވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފު އުސޫލުތަކެއް ގާއިމުކޮށް، މީޑިއާގެ ކޮންޓެންޓްތަކާއި، ނޫސްވެރިންނާއި، މީޑިއާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާނެ ގާނޫނެއް،" ޓާކް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
އެ ބިލު އަނބުރާ ގެންދިޔުމަށް ފަހު ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތް މީޑިއާ ރިފޯމް ގާނޫނެއް އެކުލަވާލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ވަނީ ހުށަހަޅުއްވާފަ އެވެ.
"އާ ގާނޫނެއް މި ގެނައީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމަށް އޮންނަ ނިޒާމު ކަންބޮޑުވާ މިންވަރަށް ހީނަރުކޮށްފައި ވަނިކޮށް. މިނިވަން އަދި ތަފާތު މީޑިއާތައް އޮތުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ޑިމޮކްރަޓިކް މުޖުތަމައުގެ އަސާސެއް،" ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.