ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހާލަތު އިތުރަށް ދަށްވަމުންދާ ކަމުގެ އިންޒާރު ކުރައްވައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޤައުމުގެ އިންތިޤާލީ ސަރުކާރުގެ އިސް މުޝީރު މުޙައްމަދުު ޔޫނުސް ގޮވައިލައްވައިފިއެވެ.
އެކުވެރި ދައުލަތްތައް (އދ)ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަމުން ޔޫނުސް ވިދާޅުވީ އޭނާގެ ގައުމުން ހިމާޔަތް ދީފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ބައިނަލްއަގްވާމީ މުޖުތަމައުން ފޯރުކޮށްދެމުންދާ އެހީ މަދުވުމާ އެކު، އެ މީހުންގެ ހާލަތު ދަށްވަމުންދާ ކަމަށެވެ.
ރޮހިންޔާއިންނަކީ މިޔަންމާގެ ރާކައިން ސްޓޭޓްގެ ރައްޔިތުންނެވެ. އޭގެ ތެރެއިން އެތަކެއް ސަތޭކަ ހާސް ބަޔަކު ބަންގްލަދޭޝަށް ހިޖުރަ ކޮށްފައި ވަނީ، މިޔަންމާގެ އަސްކަރީ ސަރުކާރާއި ބުދު ދީނުގެ ހައްދުފަހަނަ އެޅި ގުރޫޕުތަކުން ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ގަތުލުއާންމުން ސަލާމަތްވުމަށެވެ.
ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި 1.3 މިލިޔަނެއްހާ ރޮހިންޔާ ދަރިކޮޅުގެ މީހުން މި ވަގުތު ދަނީ ދިރިއުޅެމުންނެވެ.
ޔޫނުސް ވިދާޅުވީ އަވައްޓެރި މިޔަންމާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ނުރައްކާ އޮތީ ހަމައެކަނި މި ސަރަޙައްދަށް އެކަނި ނޫން ކަމަށާއި ބަންގްލަދޭޝްގައި ހިމާޔަތް ހޯދަމުންދާ ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް އެނބުރި ވަޒަނަށް ދިޔުމަށް ވެސް އޮތީ ހުރަސް އެޅިފައި ކަމަށެވެ.
ޔޫނުސް ވިދާޅުވީ، ބަންގްލަދޭޝުން ހިމާޔަތް ދެމުންދާ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ފޯރުކޮށްދެމުންދާ ފައިސާގެ އަދަދު ދަށްވެފައިވާ ކަމަށެވެ.
މި ގޮތުން، އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ލިބެމުންދާ އެހީގެ ފައިސާގެ އަދަދު ދަށްވުމާ އެކު، އެ މީހުން ހައިހޫނުގައި ޖެހުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާކައިން ސްޓޭޓްގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ގަތުލުއާންމެއް ހިންގަން ފަށާފައި ވަނީ 2017ވަނަ އަހަރުއެވެ. އެ ހަމަނުޖެހުންތައް އަށް އަހަރަށް ދެމިގެން ގޮސްފައިވާއިރު، އެ ކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމުގައި ޔޫނުސް ވިދާޅުވި އެވެ.
ބަންގްލަދޭޝުން ހިމާޔަތް ދެމުންދާ ރޮހިންޔާއިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސެޕްޓެންބަރު 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާއަށް އަލިއަޅުއްވައިލައްވައި ޔޫނުސް ވިދާޅުވީ، އެ ބައްދަލުވުމުގެ ތެރެއިން ރޮހިންޔާއިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ގަތުލުއާންމުން ސަލާމަތްވުމަށް، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް 150,000އަށްވުރެ ގިނަ ރޮހިންޔާއިން ވަނީ ބަންގްލަދޭޝަށް ހިޖުރަ ކޮށްފައެވެ.