ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ދީޕިކާ ޕަދުކޯންއާއި އޭނާއާ ގާތް ގުޅުމެއް އޮންނަ ކާމިޔާބު ޑައިރެކްޓަރު ފަރާ ޚާން ސޯޝަލް މީޑިއާގައި އެކަކު އަނެކަކު އަންފޮލޯ ކޮށްފި ކަމަށް ހަބަރުތައް ބުނެފި އެވެ.
މިފަހަކަށް އައިސް އެ ދެމީހުންގެ މެދުގައި މައްސަލަތަކެއް ޖެހި އެކަކު އަނެކަކާ ވާހަކަ ދެއްކުން ހުއްޓާލާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ބުނެވޭ ގޮތުގައި އެ ދެމީހުންގެ މެދުގައި މައްސަލަ ޖެހުނީ ދީޕިކާގެ 8 ގަޑިއިރުގެ ޝިފްޓް ޑިމާންޑް މަޖަލަކަށް ހަދައި ފަރާ އެކަމަށް ފުރައްސާރަ ކުރުމުންނެވެ.
އެއަށްފަހު ދީޕިކާ ފަރާ އަންފޮލޯ ކުރިއިރު އޭނާގެ ފިރިމީހާ ރަންވީރު ވެސް ފަހުން ފަރާ އަންފޮލޯ ކޮށްފައިވާ ކަމަށް އޭރު މީޑިއާގައި އަޑު ފެތުރުނެވެ.
މި އަޑުތައް ފެތުރެން ފެށުމުން ފަރާ ވަނީ އެ ވާހަކައަށް ރައްދު ދީފަ އެވެ. އޭނާ ބުނީ އެ އަޑުތަކަކީ އެއްވެސް އަސްލެއް ނެތް އަޑުތަކެއް ކަމަށާއި އެއީ ކުރާނެ ކަމެއް ނެތިގެން އުޅޭ މީހުން ފަތުރާ އަޑުތަކެއް ކަމަށެވެ.
ފަރާއަކީ 2007 ވަނަ އަހަރު ނުކުތް ފިލްމު "އޯމް ޝާންތި އޯމް"އިން ދީޕިކާ ބޮލީވުޑަށް ތައާރަފް ކޮށްދިން ޑައިރެކްޓަރެވެ. އޭގެ ފަހުން އެ ދެމީހުންގެ އެކުވެރިކަން ވަރަށް ގާތެވެ.