އިންޑިއާގެ އިމިގްރޭޝަނުން ގެނައި ބަދަލާއެކު، މާދަމާ އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ މީހުން "އިންޑިއަން ޑިޖިޓަލް އެރައިވަލް ކާޑު" ފުރަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އިންޑިއާގެ އިމިގްރޭޝަނުން ބުނި ގޮތުގައި އެ ގައުމަށް ދަތުރުކުރުމުގެ 72 ގަޑިއިރު ކުރިން މި ކާޑު އޮންލައިންކޮށް ފުރައި ހުށަހެޅޭނެ އެވެ.

އިންޑިއާގެ ހޯމް މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން، މިހާރު އެއާޕޯޓަށް ގޮސް، އެރައިވަލް ފޯމެއް އަތުން ފުރަން ޖެހުމުން ކިޔޫތައް ދިގުވެ، ލަސްތައް ދިމާވެ އެވެ.

އެ މައްސަލަ ހައްލުކުރުމަށް ޓަކައި، އޮންލައިންކޮށް އެރައިވަލް ކާޑެެއް ހޯދޭނެ ގޮތް ހަދައިފައިވާ ކަމަށް އެ ނޫސްތަކުގައިވެ އެވެ. އެ އީ-އެރައިވަލް ކާޑުގައި ހިމެނޭނީ ޕާސްޕޯޓް ނަންބަރާއި ގައުމާއި ޒިޔާރަތް ކުރާ ސަބަބާއި އަމިއްލަ އެޑްރެހާއި ފޯނު ނަންބަރު ފަދަ މައުލޫމާތެވެ.

ދަތުރަށް ފެށުމުގެ ތިން ދުވަސް ކުރިން އެ ކާޑަށް އެދެވޭނެ ކަމަށް އިންޑިއާގެ އެންޑީޓީވީން ރިޕޯޓުކޮށްފައިވެ އެވެ.

އެ ބަދަލުތައް ގެނައުމަކީ އެއާޕޯޓުގައި ގިނަ ވަގުތުވާ ކަންތައްތައް މަދުކުރުމާއި، ކަރުދާސް ބޭނުންކުރުން މަދުކުރުން ކަމަށް އެ ގައުމުގެ ނޫސްތަކުގައިވެ އެވެ.

އިންޑިއާ އަށް މަސައްކަތްކުރަންދާ މީހުންނާއި ޓޫރިސްޓުންނާއި ކިޔަވަންދާ ކުދިންނާއި ވިޔަފާރީގެ ބޭނުމަށްދާ މީހުން ވެސް މި ޑިޖިޓަލް ކާޑު ފުރަން ޖެހޭނެ އެވެ.

އިންޑިއާއަކީ ދިވެހީން އެންމެ ގިނައިން ގޮސް އުޅޭ އެއް ގައުމު ކަމަށްވާއިރު، އެ ގައުމަށް ގިނަ ބަޔަކު ދިރިއުޅުން ބަދަލުކޮށްފައި ވެސްވެ އެވެ.

އެގޮތުން ތައުލީމު ހާސިލުކުރުމަށާއި ދިގު މުއްދަތަށް ބޭސް ފަރުވާ ކުރުން ފަދަ ސަބަބުތަކަށް އިންޑިއާއަށް ގިނަ ދިވެހީންތަކެއް ދިރިއުޅުން ބަދަލުކޮށްފައިވެ އެވެ.