ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް މުހައްމަދު މުއިއްޒުއަށް ހުތުރު އެއްޗެތި ގޮވުމަށްފަހު ސަރުކާރާ ގުޅުނު ގދ. މަޑަވެލި، ހިޔާ، އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކޮށްފި އެވެ.
ވައްޑެ ވަނީ ރައީސް ޔާމީން އިސްވެ އުފެއްދެވި ޕީއެންއެފްގައި ޖަލްސާތަކުގައި ވަރަށް ފަހަކާޖެހެން ދެން ވެސް ސަރުކާރާއި ރައީސް މުއިއްޒުއަށް ހުތުރު އެއްޗެތި ގޮވައިފަ އެވެ. އޭނާ ސަރުކާރަށް ތާއީދުކުރަން ނިންމީ ކޯޓުން ހުކުމްކުރި ބޮޑު ދަރަންޏެއް ނުދެއްކި ސަލާމަތް ނުވެގެން އެހެން ގޮތެއް ނެތިގެން ކަމަށް އެނގިފައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ވައްޑެ އައްޔަންކުރިކަން "ހުރިހާ"އަށް ވަނީ ކަށަވަރުވެފަ އެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. އޭނާ މިހާރު ވަނީ އޮފީހަށް ވެސް ނުކުންނަން ފަށައިފަ އެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވެސް އަމިއްލަގޮތުން މަޑަވެލި ދާއިރާއަށް އޭނާ ވާދަކޮށްފައިވެ އެވެ.
ރައީސް މުހައްމަދު މުއިއްޒަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ވައްޑެ ކުލިގޮތަކަށް ޕީއެންސީއަށް ސޮއިކުރުމަށްފަހު ވަނީ ކުރިން ދެކެވުނު ވާހަކަތަކަށް މައާފަށް އެދިފަ އެވެ.