އިންޑިއާއަށް ނިސްބަތްވާ ޒުވާނަކު 46 ބަހުން ވަރަށް ފަރިތަކޮށް ވާހަކަދައްކައި ދުނިޔޭގެ ރިކޯޑު ފޮތުގައި ނަން ލިޔެލައިފި އެވެ. މަހުމޫދު އަކްރަމް ކިޔާ އިންޑިއާގެ ޗެންނާއީއަށް ނިސްބަތްވާ މިޒުވާނާގެ އުމުރަކީ އަދިއެންމެ 19 އަހަރެވެ.
އަކްރަމަށް މިހާރު އަންނަނީ، އިތުރު 400 ބަސް ދަސްކުރަމުންނެވެ. އޭނާ ދަސްކުރި 46 ބަހުން ވާހަކަ ދެއްކުމުގެ އިތުރުން އެބަސްތަކުން ވަނީ ޓައިޕްކޮށް، ލިޔެ އަދި ކިޔަން ވެސް ދަސްކޮށްފަ އެވެ.
އަކްރަމް އުޅެބޮޑުވި މާހައުލަކީ ގިނަ ބަސްތަކަކުން މީހުން ވާހަކަ ދައްކާ އުޅޭ މާހައުލެކެވެ. ވީމާ ވަރަށް ކުޑައިރުން ފެށިގެން އެ ބަސްތަކުގެ އަޑުއިވި، ދަސްވެފަ އެވެ. އަދި އޭނާ ގެންދިޔައީ އެބަސް ބަހުގެ ގަވާއިދުތަކަށް ވެސް އަހުލުވެރިވަމުންނެވެ. އޭނާއަށް ބަސް ދަސްކޮށްދިނުމުގައި އެންމެ ބޮޑަށް އެހީތެރިވެދެނީ އޭނާގެ ބައްޕަ ޝިލްބީ މޮޒްހިއްޕްރިޔަން އެވެ. ޝިލްބީއަކީ 16 ބަހަކުން ވަރަށް ފަރިތަކޮށް ވާހަކަ ދައްކާ މީހެކެވެ.
އަކްރަމް އެކި ބަހުން ވާހަކަ ދެއްކުމުގެ ކުޅަދާނަކަށް ހުރިކަން ފާހަގަވެފައި ވަނީ އޭނާ ވަރަށް ކުޑައިރު އެވެ. އޭރު އެންމެ 6 ދުވަހުގެ ތެރޭގައި އިނގިރޭސި އަކުރުތައް ދަސްކޮށް ތިން ހަފުތާ ތެރޭ ތަމަޅަ ބަސް ދަސްކުރި އެވެ. މިކަމަކީ އާންމުކޮށް އެތައް މަހެއް ނަގާ ކަމެކެވެ.
އޭނާ އެކި ބަސް ދަސްކުރުމުގެ ލޯބި ޖެހި އެ ކަމަށް ޝައުގުވެރިވެވުނީ ވެސް މި ސަބަބާ ހުރެ އެވެ.
ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަހޯދައި ލިބުނު އެ ބޮޑު ކާމިޔާބީއަށް ފަހު އަކްރަމް މިހާރު އަންނަނީ އިނގިރޭސި ލިޓަރޭޗާ އަދި އެނިމޭޝަންއިން ކިޔަވަމުންނެވެ. ހަމައެއާއެކު އޭނާ ދަސްކޮށްފައިވާ ބަސްތައް ހަނދާނުން ފޮހެވިދާނެތީ ފަރިތަކުރަމުންނެވެ.
އަކްރަމް ދެކޭގޮތުގައި ގިނަބަސް ދަސްވުމަކީ ހަމައެކަނި ލިބިފައިވާ ހުނަރަކުން ހާސިލްކުރެވުނު ކަމެއް ނޫނެވެ. އެކަމުގައި ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކުރުން ވެސް މުހިންމު ރޯލެއް އަދާކުރެ އެވެ.