ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމު ހުއްޓުމަކަށް ގެނައުމަށް އެ ސަހަރުގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި ޔަހޫދީންނާ ދެމެދު އެއްބަސްވެއްޖެ އެވެ.
ދެ އަހަރަށް ދެމިގެން ގޮސްފައިވާ ގަތުލުއާންމު ހުއްޓައިލަން ޔަހޫދީން އެއްބަސްވެފައި މި ވަނީ، ޣައްޒާގެ 67,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލުމަށް ފަހު އެވެ.
ހަމާސް އާއި ޔަހޫދީން ސުލްހަވުމަށް އެއްބަސްވުމާއެކު، މެދުއިރުމަތީގެ މަސްރަހުން ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.
ހަމާސް އާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެފައި ވަނީ މިސްރުގެ ރިސޯޓު ރަށެއް ކަމަށްވާ ޝަރްމް އަލް ޝައިޚުގައި މިހާރު ކުރިއަށްދާ ނުރަސްމީ މަޝްވަރާތަކުގަ އެވެ. މިއީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.
ހަމާސް އާއި ޔަހޫދީންނާ ދެމެދު ސުލްހަ ގާއިމުކުރުމަށް ޓްރަމްޕް ވަނީ 20 މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ ރޭވުމެއް ހުށަހަޅުއްވާފަ އެވެ.
ދެ ފަރާތުން ވެސް މި ވަގުތަށް އެއްބަސްވެފައި ވަނީ ޓްރަމްޕްގެ ރޭވުމުގެ ފުރަތަމަ މަރުޙަލާ ތަންފީޒު ކުރުމަށެވެ. ޔަހޫދީންގެ ގަތުލުއާންމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އޮތީ ހޫނުވެފަ އެވެ. އަދި އޭގެ ތެރެއަށް އީރާނާއި ޔަމަން އަދި ލުބްނާނުން ވެސް ވަދެފައިވާއިރު މެދުއިރުމަތީގައި ޒަޔަނިސްޓުންގެ ދައުލަތް ވަނީ އެކަހެރިވެގެން ގޮސްފަ އެވެ.
ހަމާސް އާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައިވާކަމުގެ ހަބަރު ފެތުރެން ފެށުމާއެކު ޒަޔަނިސްޓު ދައުލަތުގެ އިތުރުން ޣައްޒާގެ ރައްޔިތުން ވެސް ވަނީ އުފާ ފާޅުކުރަން ފަށައިފަ އެވެ. މީގެ އިތުރުން ޢަރަބި ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުފާވެރިކަން ވެރިވެގެން ގެނެސްފައިވާ ކަމަށް ވެސް ދަނީ ބުނަމުންނެވެ.
ހަމާސް އާއި ޔަހޫދީންނާ ދެމެދު ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވެފައިވީ ނަމަވެސް، އަދިވެސް ސުވާލު އުފެދިފައިވާ ގިނަ މައްސަލަތަކެއް ހުރި ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އަދި އެ ކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ނުހޯދިއްޖެ ނަމަ، ސުލްހަވުމުގެ އެއްބަސްވުން ނާކާމިޔާބުވުމުގެ ފުރުސަތު އޮތް ކަމުގައި އެ ފަރާތްތަކުން ގަބޫލު ކުރެ އެވެ.
ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލެވިފައިވާ ކަން ހަމާސުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެ ޖަމާއަތުން ބުނީ އެއްބަސްވުމާއެކު ޣައްޒާގެ ބިންތަކުން ޔަހޫދީ ސިފައިން ފައިބާނެ ކަމަށެވެ. އަދި ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރެވިގެންދާނެ ކަމަށެވެ.
އޮކްޓޫބަރު 7، 2023 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ގަތުލުއާންމުގައި ޔަހޫދީން ވަނީ 67,000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވެފައިވާ މީހުންނެވެ.
ކުޑަކުދިންގެ އަދަދު އެކަނި ވެސް 15,000 އަށް އަރާނެ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެ އެވެ. އަދި، ޒަޚަމްކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000 އަށް އުފުލިފަ އެވެ.