ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހެދި ސައުދީ އަރަބިއްޔާގެ ސައުދީ ބިންލާދިން ގްރޫޕް (އެސްބީޖީ) އިން ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއެކު އިތުރު ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
މި މައްސަލާގައި ދިގަލި އާއި އާއްޓޭގެ އިތުރުން ދެން ހައްޔަރުކުރީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް ހ. ނިއުހެޕިނަސް، މުއާޒު އަލީ އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
ފުލުހުން ބުނީ އެ މީހުންގެ ތެރެއިން އާރިފް އާއި ޒިވާރުގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި ދިގަލީގެ ބަންދަށް 10 ދުވަސް ޖެހިއިރު، މުއާޒުގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.
ފުލުހުން ބުނީ، އެ ހަތަރު މީހުންނަކީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ވަގަށް ނެގުމުގެ އޮޕަރޭޝަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެ އަށް ވަގަށް އެތެރެ ކުރި ދެ ކޮންޓެއިނަރު މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ އެ އިދާރާ އިން ބުނި ގޮތުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގަ އެވެ.
އެ މައްސަލައާ ގުޅިގެން އެމްޕީއެލްގެ ހަ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.