އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލެއް ހެދުމަށް މެޖޯރިޓީ ރައްޔިތުންގެ ތާއީދު ލިބިފައިވާތީ އެކަމާ އުފާފާޅުކުރުމުގެ ގޮތުން ހަވާއަރުވަން ނިންމައިފި އެވެ.

ހަވާ އަރުވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ގުޅިގެންނެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހްމާން ވިދާޅުވީ ލިބުނު ކާމިޔާބީ ފާހަގަކޮށް ހަވާއެރުވުމާއެކު ބާއްވާ ހާއްސަ އިވެންޓަކަށް ހުޅުދޫ އަދި މީދޫގެ އެންމެހައި ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ.

އެ އިވެންޓް އޮންނާނީ މިރޭ 8:30 ގައި ބަނދަރު ސަރަހައްދުގަ އެވެ.

އިއްޔެ ނެގި ވޯޓުގައި ބައިވެރިވި މީހުންގެ ބޮޑު އަޣްލަބިއްޔަތަކުން ވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލެއް ގާއިމް ކުރުމަށެވެ.

ނަމަވެސް ވޯޓުގައި ބައިވެރިވި ފޭދޫ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމީ ވަކިނުވެ އައްޑޫ ސިޓީ ކައުންސިލްގައި ދެމި އޮތުމަށެވެ.