މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ބޭނުންވަނީ ރިޔާސީ ނިޒާމު ދަމަހައްޓަން ކަމަށް އެ ޕާޓީން ބުނެފި އެވެ،

އެ ޕާޓީއިން މިހެން ބުނީ ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ބޭނުންވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި ދެންނެވުމުންނެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެއް ފަރާތުގައި ހުންނަން. ބޭނުމީ ގައުމު ހިންގަން ހުންނަން،" ރައީސް ސޯލިހުއަށް ފޮނުވި މެސެޖުގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އެ މެސެޖު ބައެއް މިނިސްޓަރުންނާއި އަދި މަޖިލީހުގެ މެމްބަރުންނަށް ވެސް ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެންން ޖޭޕީން ބުނީ، އެ ޕާޓީއިން މަސައްކަތް ކުރާނީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ނިންމިގެން ދިޔަ ރިޔާސީ ނިޒާމް ދަމަހައްޓަން ކަމަށެވެ. ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަކީ މިހާރު މިއޮތް ރިޔާސީ ނިޒާމު ގެނައުމަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޖޭޕީއިން އިތުރަށް ބުނީ، މަޖިލިސް މެމްބަރުންނަށް އެ މެމްބަރުން ތަމްސީލުކުރާ ރައްޔިތުންގެ ވިސްނުމާއި ހިލާފަށް ބޮޑެތި ނިންމުންތަށް ނުނިންމޭނެ ކަމަށެވެ.