ރަސްމީ ބަންދު ނޫން ދުވަސްތަކުގައި އޮފީހުގައި ހޭދަކުރާ ވަގުތު 8 ގަޑިއިރު ހަމަނުކުރާ ނަމަ ސިވިލް ސާވިސް މުވައްޒަފުންނަށް އިތުރުގަޑީގެ އިނާޔަތް ނުލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތައް އިސްލާހުކޮށްފި އެވެ.

ސަރުކާރުން ގެޒެޓުކުރި އިސްލާހުގައި ވާގޮތުން ދައުލަތުގެ މުވައްޒަފުންނަށް ދެން އިތުރު ގަޑީގެ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތުގައި 8 ގަޑިއިރު ހަމަކޮށް، އޭގެ އިތުރުން ހޭދަ ކުރާ ވަގުތުތަކަށް އެކަންޏެވެ. އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު، އަށް ގަޑިއިރު ގުނާއިރު ދެން ނުހިމަނާނެ އެވެ.

ރަސްމީ ދުވަސްތަކުގައި އޮފީހުގައި މަސައްކަތު ވަގުތުގައި މުވައްޒަފުންގެ އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު އުނިކުރުމަށްފަހު 8 ގަޑިއިރު ހަމަވުމުން ނޫނީ އިތުރުގަޑީގެ އިނާޔަތް ނުލިބޭނެ ކަމަށް ގެޒެޓު ކުރި ގަވައިދުގައި ބުނެފައިވެ އެވެ.

ނަމަވެސް އިސްލާހުގައިވާ ގޮތުން އޮފީހުގައި ހޭދަކުރާ 8 ގަޑިއިރުގެ ތެރެއިން ކެއުމާއި ނަމާދު ކުރުމާއި ދަރިން ބެލުމަށް އޮފީހުން ނުކުންނަ ވަގުތުތަކަކީ އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާހައުލުން ބޭރުގައި އުޅުނު ވަގުތު ކަމަށް ނުބެލޭނެ އެވެ.

އަލަށް އަމަލުކުރަން ފެށި އިސްލާހުގައި ވަނީ ރޯދަ މަހުގެ ފަހު 10 އަކާއި ރަސްމީ ބަންދުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ދުވަސްތަކުގައި އިތުރު ގަޑީގެ އިނާޔަތް، ރަސްމީ ބަންދު ދުވަސްތަކެކޭ އެއްގޮތަށް ހިސާބު ކުރަންޖެހޭ ގޮތަށް ހިމަނައިފަ އެވެ. އަދި އެ ދުވަސްތަކުގައި މުވައްޒަފުން ލައްވައި ކުރުވާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ދޭންޖެހޭ ގޮތަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.

ނަމަވެސް، ރަސްމީ ބަންދު ދުވަސްތަކުގައި ކުރުވާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ދޭއިރު ވެސް މުވައްޒަފުން އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު އުނިކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.