ހުޅުމާލޭގެ އެމްޕީއެލް ބަނދަރުގައި ހުއްޓައި 13.6 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ރައްޔިތުންގެ ކިބައިން ފުލުހުން އެދިއްޖެ އެވެ.

އެ ކޮންޓެއިނަރުތައް ވަގަށް ނަގާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 26ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް ފަރާތަކަށް އެނގޭނަމަ، ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގާފައި ވަނީ އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކޮށްގެންކަން ތަހުގީގަށް ހޯދިފައިވާކަމަަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށްފަހު، އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމްޕީއެލް ޓާމިނަލްގައި ބެހެއްޓުމަށް ފަހުކަން މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

އަދި ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރުވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސްފަވާކަމާއި އަދި އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ހަލާކު ކޮށްފައިވާއިރު، ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ހޯދާފައިވާކަމަށް އެ ބަޔާނުގައިވެ އެވެ.

އެ މައްސަލާގައި މިހާތަނަށް ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަތް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު ފަރާތްތައް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލައިގައި މިހައިތަނަށް 19 މީހަކު ފުރުން މަނާކުރެވިފައިވާއިރު، މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލައިފާސްކޮށް، މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ވަނީ ބަލައިފާސްކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ކަސްޓަމްސްގެ އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއީލް ހިމެނެ އެވެ.