މިއަހަރުގެ ޖުލައި މަހު ކެލިފޯނިއާގެ ބާ އެގްޒޭމްގައި ބައިވެރިވި މަޝްހޫރު މޮޑެލް ކިމް ކާޑޭޝަން އެ އިމްތިހާނުން ފެއިލްވުމުން އޭނާގެ ރުޅިގަނޑު ފާލު ބަލާ މީހުންނަށް އަމާޒުވެއްޖެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިފަހަރުގެ އިމްތިހާނުން އޭނާ ފާސްވާނެ ކަމަށް ފާލު ބަލާ މީހަކު ކިމް ކައިރީގައި ބުނި ނަމަވެސް އޭނާ ވަނީ ކުޑަކުޑަ ތަފާތަކުން އިމްތިހާނުން ފެއިލްވެފަ އެވެ.

ޓިކްޓޮކްގައި އާއްމުކުރި ވީޑިއޯއެއްގައި ކިމް ވަނީ އެ އިމްތިހާނުން އޭނާއަށް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ބުނި ފާލު ބަލާ މީހަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ކިމް ބުނީ އެކަހަލަ މީހުންނަކީ ނުބައި ނުލަފާ ދޮގުވެރިން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހުން ދައްކާ ވާހަކަ ގަބޫލު ނުކުރުން ކަމަށެވެ.

"އަހަރެން ކައިރީގައި ހަތަރު ވަރަކަށް މީހުން ބުނި ފާސްވާނެޔޭ. އެކަމުން އެނގެނީ އެ އެންމެންނަކީ ވެސް ދޮގުވެރިން ކަން" ކިމް ބުންޏެވެ.

ކިމް އިތުރަށް ބުނީ ވަކީލަކަށް ވުުމުގެ ހުވަފެން އޭނާ ދޫކޮށްނުލާނެ ކަމަށާއި ކުރިއަށް އޮތް އިމްތިހާނުގައި ވެސް ބައިވެރިވާން އަޒުމު ކަނޑައަޅައިގެން ހުރި ކަމަށެވެ.

މިއަހަރު ލޯ ސްކޫލުން ގްރެޖުއޭޓްވި ކިމްއަށް ކެލިފޯނިއާގެ ބާ އެގްޒޭމް ފުރިހަމަ ނުކޮށް އެ ސްޓޭޓްގައި ގާނޫނީ ވަކީލު ކަމެއް ނުކުރެވޭނެ އެވެ.