އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ސިއްރުން ކުރި ހުކުމް ލިބޭނީ ފީއެއް ދެއްކުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

އެ ދެ ކުންފުނީގެ މައްޗަށް ކްރިމިނަލް ކޯޓުން ސިއްރުން ހުކުމްކޮށްގެން އުޅެނިކޮށް އެކަން ފަޅާއެރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި އެހެން މައްސަލަތަކުގައި އިއްވާ ހުކުމްތައް ފެންނަން ހުއްޓަސް އެ މައްސަލާގައި އިއްވާފައިވާ ހުކުމް ފެންނާކަށް ނެތެވެ.

އެހެންވެ، އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ހޯދަން "ހުރިހާ" އިން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.

އެކަމަށް ޖަވާބުދޭން ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވިފަހުން ވެސް ޖަވާބު ދިނުމުން "ހުރިހާ" އިން ވާނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެ މައްސަލަ ހުށަހަޅާފަ އެވެ. އެ އޮފީހަށް މައްސަލަ ހުށަހެޅުމުން ކްރިމިނަލް ކޯޓުން ވަނީ ޖަވާބެއް ދީފަ އެވެ.

އެ ކޯޓުން ދިން ޖަވާބުގައި ވަނީ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަކީ ފީއެއް ދެއްކުމަށްފަހު ލިބެން ހުންނަ އެއްޗެއްކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 182 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތު ގަވާއިދުގެ 155 ވަނަ މާއްދާ އާއި 156 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމަށެވެ.

އެ ކޯޓުން އެހެން ބުންޏަސް ސިޔާމްގެ ކުންފުނިތަކުގެ މައްސަލަ ފިޔަވައި އެހެން މައްސަލަތަކުގެ ޝަރީއަތް ނިންމިގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ހިލޭ ފެންނަން އެބަހުއްޓެވެ. އެހެންކަމުން މިއީ އެ ހުކުމް ނުދޭންވެގެން ދައްކާ ބަހަނާއެއްކަން ސާފުކޮށް އެނގެ އެވެ.

މަހޯލި ޕޯޓަލް މެދުވެރިކޮށް "ހުރިހާ" އިން އެ މައުލޫމާތު ދޭން ހުށަހެޅީ ދައްކަންޖެހޭ ފީއެއް ވާނަމަ އެފަދަ ފީއެއް ވެސް ދައްކަން އެއްބަސްވެގެންނެވެ. ނަމަވެސް އެ ފީ ދައްކާކަށް ވެސް އަދި ދައްކަން އަމަލުކުރަންޖެހޭނެ ގޮތެއް ވެސް ކްރިމިނަލް ކޯޓުން އަންގާފައެއްނުވެ އެވެ. އެހެންކަމުން މިކަމުން ވެސް އެ ކޯޓުން ގަސްތުގައި އެ ހުކުމް ސިއްރުކޮށް ފޮރުވަން އުޅޭކަން ސާފުވެ އެވެ.