ފުރާވަރަށް އެޅި ދުވަސްވަރު ކުރެވުނު ކުށެއްގެ ސަބަބުން އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އައި. އެކަމުން ލިބުނު ހިތާމާގައި އޭނާގެ ބައްޕަ މަރުވިކަން އެނގުނީ ޖަލުގައި ހުއްޓާ. އެ ހިސާބުން ކުރެވުނު ކުށާ ދޭތެރޭ ހިތާމަކޮށް އެކަމުން ސަލާމަތްވާނެ އަލިމަގެއް ފެނޭތޯ އޭނާ ވިސްނި. އަދި ޖަލުގައި ހުރެ ފޮތް ކިޔަން ފެށި. ފަހުން ރިހެބަކަށް ލުމަށް އެދުމުން އެ ފުރުސަތު ތަނަވަސްކޮށްދިން. ރިހެބްގެ ފަރުވާއަށް ފަހު މުޖުތަމައުގެ ތެރެއަށް ދޫކޮށްލެވުނު. ދެން އޭނާ ވިސްނީ ކިޔެވުމަށް ކޮލެޖަކާ ގުޅުމަށް. ކުށުގެ ރިކޯޑު އޮތުމުން ކުރިއަށް ދިއުމަށް ދަތިވި. އަދި އެންމެ ތަނެއް ފިޔަވައި ހުރިހާ ތަނަކުން ފުރުސަތު ދޭން އިންކާރު ކުރި. ލިބުނު ހަމައެކަނި ފުރުސަރުގެ ބޭނުން ހިފައި އޭނާ ކިޔަވައި ފާސްވީ އެއްވަނަ ދަރަޖާގައި. މިއަދު އޭނާއަކީ މީހުން ބަލައިގަންނަ މީހެއް.

ފޮތް ކިޔުމުން މީހާގެ ވިސްނުން ތަރައްގީކޮށްދެ އެވެ. ކުރިން ނޭނގޭ އެތައް ކަމަކަށް ލޯހުޅުވައިދެ އެވެ. ކުރިއެރުމަށް ބަންދު ވެފައިވާ އެތައް ދޮރުތަކެއް ހުޅުވައިދޭކަން މި ވާހަކައިން ހެކިދެ އެވެ.

އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގައި ހުންނަ ހަވާޑް ޔުނިވާސިޓީ ކޮލެޖް އޮފް މެޑިސިން އަދި ޖޯޖްޓައުން މެޑިކަލް ސެންޓާގައި މަސައްކަތްކުރާ އެންޑޯކްރައިނޮލޮޖިސްޓް ސައިންޓިސްޓް ޑރ. ސްޓޭންލީ އެޑްރިސީއަކީ އޭނާ ހެދި ބޮޑުވަމުންދިޔަ ދުވަސްވަރު މަގު ގެއްލުނު ޒުވާނެކެވެ،

އެމެރިކާގެ މިޒޫރީ ސްޓޭޓަށް ނިސްބަތްވާ ސްޓޭންލީ ވެސް ފުރާވަރަށް އެޅި އުމުރުގައި އެހެނިހެން ޒުވާނުންނެކޭ އެއްފަދައިން ނުބައި ރައްޓެހިންގެ އަވާގައި ޖެހި މަގު ގެއްލުނެވެ. މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިއަށް ދެވުނެވެ.

އޭނާއަށް 20 އަހަރުގެ ޖަލުހުކުމެއް އައީ މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ ތުހުމަތުގަ އެވެ. އޭގެ ތެރެއިން 10 އަހަރު ހޭދަކުރަން ކޯޓުން ހުކުމްކުރީ ސެކިއުރިޓީ ވަރުގަދަ ޖަލެއްގަ އެވެ.

ރަނގަޅުވިޔަސް ނުބައިވިއަށް އެކަން ރައްދުވާނީ ހަމަ ތިމާއަށްކަން ޑރ.ސްޓެންލީގެ ހަޔާތުން ފިލާވަޅު ލިބޭ

ސްޓޭންލީ ޖަލުގައި އެކަނިވެރިވެ މާޔޫސްވި އެވެ. ކުރެވުނު ކަންތަކާމެދު ދެރަވެ ހިތާމަކުރި އެވެ. ވެއްޓިފައިވީ ވަޅުގަނޑުން އަރައިގަންނާނެ ގޮތަކާމެދު ފިކުރުކޮށް ވިސްނި އެވެ. އެ ދުވަސްރު އޭނާއަށް ހިތްހަމަޖެހުން ގެނެސްދިނީ ފޮތް ކިޔުމުންނެވެ. ފޮތްކިޔުމުގެ ތެރެއިން އޭނާއަށް ގިނަ ކަންތައްތަކެއް ދަސްވި އެވެ. އޭނާއަށް ދެވުނީ ގޯސް މަގަކުންކަމާ އެކަމުގެ ސަބަބުން ލިބިފައިވާ ހަޑި ނަމުން ސަލާމަތްވުމުގެ މުހިންމު ކަމެވެ.

އިސްލާހުވެ އަނބުރާ މުޖުތަމައުއަށް ނުކުތުމަށާއި އަބުރުވެރި ދިރިއުޅުމެއް ހޯދުމެވެ. އޭނާއަށް ވިސްނުނީ ޖަލުގައި ހަޔާތުގެ ދުވަސްތައް ދުއްވާލުމަށް ވުރެ ރިހެބަކަށް ބަދަލުވުން ރަނގަޅު ކަމަށެވެ. އެކަމަށްޓަކައި އެކި ފަރާތްތަކަށް އާދޭސްކޮށް ސިޓީ ފޮނުވި އެވެ. ވަކީލުންނަށާއި ކަރެކްޝަންސްގެ އިސް ފަރާތްތަކަށެވެ. މާގިނަ ދުވަހެއް ނުވެ ޖަލުގައި ބަހައްޓައިގެން ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި އޭނާ ބައިވެރިވުމުގެ ފުރުސަތެއް ދިނެވެ.

ޑރ. ސްޓޭންލީ ހެދިބޮޑުވަމުން ދިޔައިރު ނުބައިރައްޓެހިންނާއި ގުޅި މަގުގެއްލުނު

އެދުވަސްވަރު ސްޓޭންލީގެ ބައްޕަގެ ސިއްހީ ހާލަތު ދަށަށް ދިޔަ އެވެ. ހަކުރު ބަލި ކޮންޓްރޯލް ނުވުމުގެ ސަބަބުން ދެފައި ބުރިކުރަން ޖެހުނެވެ. ސްޓޭންލިއަށް ކުރެވުނު ކަންތަކާ ދޭތެރޭ ބައްޕައަށް މައާފަށް އެދުމަށް ފުރުސަލު ނުލިބިހުއްޓައި ދެން އަޑުއިވުނީ އޭނާގެ ބައްޕަ ކޯމާއަކަށް ދިޔަ ޚަބަރެވެ. އަދި ގިނަ ދުވަސް ނުވެ މި ދުނިޔެ ދޫކުރި ޚަބަރެވެ.

ސްޓޭންލީ ގަބޫލުކުރި ގޮތުގައި ބައްޕަގެ ހާލަތު ގޯސްވެ، ފުރާނަ ދިއުމުގެ ސަބަބަކީ އޭނާ އެވެ. އޭނާއަށް އެޅުނު ކަތި މަގެވެ. ބައްޕަގެ އާދޭހާއި ނަސޭހަތް ބޮލާލައި ޖަހައި ނުބައި ރައްޓެހިންގެ ބަސް އެހުނީތީ އެވެ.

ބައްޕަގެ ވަކިވެދިއުމުގެ ޚަބަރު ލިބުމުން އެކަމާ އޭނާ ހިތާމަކުރި އެވެ. އެ ދުވަހުގެ ފަހުން ސްޓޭންލީގެ މަގުސަދަކަށްވީ އޭނާއަށް ހެދުނު ގޯސް ރަނގަޅު ކުރުމެވެ. ރިހެބް ފަރުވާ ފުރިހަމަ ކުރުމަށްފަހު މާގިނަ ދުވަހެއް ނުވެ، އޭނާ ޖަލުން ސަލާމަތްވި އެވެ. ދެން އޭނާ ވިސްނީ ޑޮކްޓަރަކަށް ވުމަށެވެ. ނަމަވެސް ކުށުގެ ރިކޯޑެއް އޮތުމުން ކޮލެޖްތަކުން އެތައް ފަހަރަކު އޭނާގެ ފޯމްތައް ބާތިލުކުރި އެވެ. ހިތްވަރު ދޫނުކޮށް އިތުރު ކޮލެޖްތަކަށް ފޯމުލި އެވެ. އެންމެ ފަހުން އެމެރިކާގެ މިސޫރީގެ ލިންޑެން ޔުނިވާސިޓީއިން އޭނާ ބަލައިގަތެވެ.

ލިބުނު ފުރުސަތުގެ ބޭނުންކޮށް މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ފިޒިއޮލޮޖީ އިން ޕީއެޗްޑީއަށް އެއްފަހަރާ ކިޔެވި އެވެ. އެކަމަށް މުޅިއެކު 8 އަހަރު ނެގި އެވެ. ފާސްވީ އެއްވަނަ ދަރަޖައިގަ އެވެ. އެއަށްފަހު ދެން އޭނާ ގުޅުނީ މިހާރު މަސައްކަތްކުރާ ހަވާޑް ޔުނިވާސިޓީ އޮފް މެޑިސިން އަދި ހަކުރުބަލި ދިރާސާކުރާ ޖޯޖްޓައުން މެޑިކަލް ސެންޓާ އަށެވެ.

ޑރ. ސްޓޭންލީ ދަރިފުޅާއެކު ފޮޓޯއަކަށް ހުއްޓިގެން: ފޮތްކިޔުމަކީ މީހާއަށް ބޮޑުބަދަލެއް ގެނެސްދޭކަމެއް

ސްޓޭންލީ ބުނިގޮތުގައި އޭނާ ޖަލުގައި ހުރި ދުވަސްތަކުގައި ގަވައިދުން ފޮތް ކިޔައި ހެދުމަކީ އޭނާގެ ވިސްނުން ބަދަލުވުމަށް މެދުވެރިވި ސަބަބެވެ. ޖަލުން ސަލާމަތްވުމަށްފަހު ކިޔެވުމުގެ ނަތީޖާއަކަށް ވީ އޭނާއަށް އާ ފުރުސަތުތައް ހުޅުވިގެން ދިޔުމެވެ. މިއަދު އޭނާއަކީ ޑޮކްޓަރެކެވެ. ސައިންޓިސްޓެކެވެ. ލީޑަރެކެވެ. މީހެއްގެ ފިރިއެކެވެ. އަދި ބަލި މަންމައެއްގެ އުންމީދެވެ.