ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރި ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންސް އަށް ދޭންޖެހޭ ފައިސާ ހޯދަން ކޯޓަށް ދާނެ ކަމަށް އެ ލޯފާމުން އެ ކުންފުންޏަށް އަންގައިފި އެވެ.

އެ ލޯފާމުގެ ޑިރެކްޓަރު ޝަޒްބާން ފަހުމީ ސޮއިކުރައްވައި ދީބާޖާއަށް ފޮނުވާފައިވާ ސިޓީގައި ވަނީ ދީބާޖާ މައްސަލާގައި ހައިކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އޮގަސްޓް 28، 2018 ގައި އެ ލޯފާމާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރުމަށްފަހު އެއްވެސް ސަބަބަކާ ގުޅިގެން ޝަރީއަތުގެ އެއްވެސް މަރުހަލާއެއް ހިނގާނަމަ އެ މަރުހަލާއެއްގައި ދީބާޖާގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުން ވެސް އެ ލޯފާމާ ހަވާލުކޮށްފައިވާކަން އަންގާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާގޮތަށް ދިބާޖާގެ ހުކުމް އެ ކޯޓުގައި އަލުން އިސްތިއުނާފު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންސްގެ މަސްއޫލިއްޔަތެއް ކަމަށްވާއިރު، އެއްބަސްވުމާ އެއްގޮތަށް އެ މައްސަލަ ކުރިއަށްގެންދަން ބޭނުންވާކަން ނުވަތަ ނޫންކަން އެއްވެސް ސިފައެއްގައި އަންގާފައިނުވާކަން ފާހަގަކުރާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައި ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު، އެއްބަސްވުމުގައިވާ ސަބަބެއް ނެތި ދިބާޖާއިން އެއްބަސްވުން ނިމުމަކަށް ގެނެސްފި ހިނދެއްގައި އެޓާނީ ފީގެ ގޮތުގައި އެއްބަސްވުމުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 174.4 މިލިއަން ރުފިޔާގެ 50 ޕަސެންޓް ކަމުގައިވާ 8.72 މިލިއަން ރުފިޔާ އެއްބަސްވުން ނިމުމަކަށް ގެންނަ ދުވަހު އެ ލޯފާމަށް ވަގުތުން ދިނުމަށް ދީބާޖާ އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ދީބާޖާ އިން އެ ފައިސާ ނުދައްކައިފިނަމަ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ އިޚްތިޔާރު ލޯފާމަށް ލިބިގެންވާ ކަމަށް ދިބާޖާއިން އެއްބަސްވެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

"...އެއްބަސްވުމުގެ ދަށުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އަދާކުރަންޖެހޭ އެޓާނީ ފީ އެއްބަސްވުމުގައިވާ ގޮތުގެމަތިން އަދާނުކުރާ ކަމުގައިވާނަމަ އެއްބަސްވުމުގެ ފަސް ވަނަ މާއްދާގެ ދަށުން މި އެއްބަސްވުމުގެ ދަށުން އެޓާނީ ފީ ޝަރީަތް މެދުވެރިކޮށް ހޯދުމަށް މިފާމަށް ލިބިގެންވާ ހައްގު ބޭނުންކުރާނެކަން އަންގައި، ގާނޫނީ ނޯޓިސްގެ ގޮތުގައި މި ސިޓީ ފޮނުވީމެވެ،" އެ ސިޓީގައިވެ އެވެ.

ދީބާޖާ އިންވެސްޓްމެންޓަށް ދައުލަތުން 348 މިލިއަން ރުފިޔާގެ ބަދަލުދޭން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ ބެންޗަކުން ކުރި ހުކުމް ބާތިލްކޮށް، އަލުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަން އަންގައި މި މަހުގެ ހަތް ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.