އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 20 ޕޮއިންޓުގެ ސުލުހައިގެ ޕްލޭން އދ ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

އެމެރިކާއިން ހުށަހަޅާފައިވާ ގަރާރުގެ ދަށުން ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމާއެކު، ސަރަހައްދުގެ ހަމަޖެހުން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ފައުޖެއް ގާއިމުކުރުމަށް ވަނީ ހުށަހަޅާފަ އެވެ. މީގެ އިތުރުން 2027 ވަނަ އަހަރުގެ ނިޔަލަށް ޣައްޒާގެ ކަންކަން ހިންގާނެ ވަގުތީ އިދާރާއެއްގެ ގޮތުގައި ބޯޑް އޮފް ޕީސް އެއް އުފެއްދުމަށްވެސް އެމެރިކާއިން ވަނީ ހުށަހަޅާފަ އެވެ.

ސަލާމަތީ މަޖިލީހުގެ 13 މެންބަރުންގެ ވޯޓުން ގަރާރު ފާސްކުރި އިރު، ރަޝިއާ އާއި ޗައިނާއިން ވޯޓުގައި ބައިވެރިވެފައި ނުވެ އެވެ.

މި ގަރާރުގެ ދަށުން އުފެއްދުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ޣައްޒާގައި ހަރަކާތްތެރިވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ވަނީ ދެކޮޅު ހަދާފަ އެވެ.

އިޒްރޭލުން މި ގަރާރާމެދު އެންމެ ބޮޑަށް ދެބަސްވާ މާއްދާ ކަމުގައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމާމެދު އެ ގައުމުން ވަނީ އިންޒާރު ދީފަ އެވެ. އެގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ފުރުސަތު ނުދޭނެކަމަށް އިޒްރޭލުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

ރަޝިއާއިން ބުނެފައިވަނީ އެމެރިކާގެ ހުށަހަޅުމުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އެކަށީގެންވާ ވަރަށް ބާރުއަޅާފައި ނުވާކަމަށެވެ. އެކަމާއި ގުޅިގެން ރަޝިއާއިން ވަނީ ދެ ދައުލަތުގެ ހައްލަކަށް ގޮވާލާފަ އެވެ.

އިޒްރޭލުން 2023 ގެ އޮކްޓޯބަރު މަހު ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 69،483 މީހުން ޝަހީދުކޮށްލާފައިވާއިރު، އެއްލައްކައަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. އެމެރިކާގެ ސުލުހައިގެ ހުށަހެޅުމާއެކު، މިހާރު ވަގުތީގޮތުން ހަނގުރާމަ ހުއްޓާލާފައިވީ ނަމަވެސް އިޒްރޭލުން ދަނީ އެކި ފަހަރުމަތިން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އަދި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސްއަޅަމުން ގެންދިއުމުގެ ސަބަބުން ޣައްޒާގެ އެތައް ކުޑަކުދިންނާއި ރައްޔިތުން ދަނީ ފުރާނައާ ހަނގުރާމަ ކުރަމުންނެވެ.