އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީ އިން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ބަޖެޓު ކޮމެޓީގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލެއް ގެނެސްފައެއްނުވެއެވެ. އެކަމަކު ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ހުށަހެޅުއްވި ބައެއް ކުދި އިސްލާހުތައް ފާސްކޮށްފައިވެއެވެ.

އަންނަ އަހަރު ބޮޑެތި ހަރަދުތަކެއް ހިނާނެތީ އިތުރަށް މުއައްސަސާތަކަށް ބަޖެޓް ދެވެން ނެތް ކަމަށް ބަޖެޓް ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވިއެވެ.

."އަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާކަމަށްވާތީ، އިތުރަށް ބަޖެޓަށް ފައިސާ ދެވެން ނެތްކަމަށް." ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދާރާތަކަށް ދަތިވާ ބަޖެޓް ހާއްސަ ބަޖެޓްގެ ތެރެއިން ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

"އެހެން އިދާރާތަކުގެ މައްސަލަތައް ފިނޭންސް މިނިސްޓްރީން އަންނަ އަހަރު ބަޖެޓަށް، އެ ބޭފުޅުންނަށް ދަތިވާ ދަތިވުންތަކަށް ބޭނުންވާ ފައިސާ ޚާއްސަ ބަޖެޓުގެ ތެރެއިން ދޫކުރައްވާނެ ކަމަށް އެ ބޭފުޅުން ލިޔުއްވީމަ، އެހެންވީމަ އެގޮތަށް ފިނޭންސް މިނިސްޓްރީން އެ އޮތީ ޖަވާބުދީފަ،" ސަލީމް ވިދާޅުވިއެވެ.

މިފަހަރުގެ ބަޖެޓް މިހާ ބޮޑުވީ އަންނަ އަހަރު ބޮޑު ދަރަންޏެއް ސަރުކާރުން ދައްކަންޖެހިފައިވުމުންނެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ސިއްހީ ދާއިރާގެ ތަރައްގީގެ ބަޖެޓެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.