މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ކުޑޫ ވިދާޅުވީ، ރާއްޖޭގައި މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުން ދާތީ އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ އަމަލެއް ކަމަށްވާތީއާއި މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށްވާތީ ކަމަށެވެ.

"ކޮންމެ ފަހަރަކު މީޑިއާތަކުގެ ފަލަ ސުރުހީއަށް ނޭރި ނަމަވެސް، މިސްކިތްތަކަށް ގެއްލުންދިނުން އާންމުވެއްޖެ. މިއީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވީ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭ މިސްކިތްތަކަށް ގެއްލުން ދިނުން ހިމެނުމަށް، ގާނޫނުގައި ޓެރަރިޒަމްގެ ކުށްތައް ކަނޑައަޅާފައިވާ މާއްދާގެ އެންމެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.

މީގެ ދެ ހަފުތާ ކުރިން އައްޑޫ ހިތަދޫގެ މަސްޖިދުލް ޢުމަރުލްފާރޫޤު މިސްކިތަށް ބަޔަކު ވަދެ، އެ މިސްކިތުގެ ގޮނޑިތައް އުކައި މުސްހަފުތަކަށް ގެއްލުންދީފައިވެއެވެ.

އަދި، މާލޭގެ ފުރުޤާން މިސްކިތަށާއި މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން މިސްކިތަށް ވެސް މީހަކު ގެއްލުންދީފައިވެއެވެ. މި މައްސަލައިގައި 24 އަހަރުގެ މީހަކު ހައްޔަރު ވެސް ކުރި އެވެ.

އޭގެ ކުރިން، ވ. ކެޔޮދޫގެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ވެސް ހޫނުވި އެވެ. ކެޔޮދޫ މިސްކިތަށް ގެއްލުން ދިން މީހާ ހޯދީ އާންމުންގެ ބަޔަކު ރަށު ތެރެއަށް ނުކުމެގެންނެވެ.