އަތޮޅު ކައުންސިލްތައް އުވާލައި، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް އިސްލާޙު ގެނައުމަށް ހުށަހެޅި ބިލުތައް ދިރާސާ ކުރުމަށް މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުންނެވެ.
ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙުގެ ދަށުން އެ ގާނޫނުގައި އެކި މާއްދާތަކުގައި އަތޮޅު ކައުންސިލްތަކާއި ގުޅޭގޮތުން މިހާރު ހުރި ބައިތައް އުނިކުރުމަށް ވަނީ ހުށަހަޅުއްވާފަ އެވެ. އެ ބިލު ފާސްކުރުމަށް ވަގުތީ ކޮމިޓީން ނިންމީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާޙުގެ ދަށުން 2000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 3 ކައުންސިލަރުން ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި އެއަށް ވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުން ކަމަށް ބަޔާންކޮށްފައިވެ އެވެ. މިހާރު ގާނޫނުގައިވާ ގޮތުން ކޮންމެ ރަށު ކައުންސިލެއްގައި ވެސް 5 މެންބަރުން ތިއްބަވާނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ތިން ކައުންސިލަރުން އިންތިޚާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި 5 ކައުންސިލަރުން އިންތިޚާބު ކުރާ ކައުންސިލްތަކުގައި މިހާރު ވެސް އަމަލުކުރާ ގޮތަށް 2 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަން ޖެހޭނެ އެވެ.
މި ގާނޫނަށް ގެންނަ އިސްލާހުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދާއި، އެ ކޮމިޓީގެ ރައީސް އިންތިޚާބުކުރާ ގޮތަށް ބަދަލު ގެނައުމަށް ވެސް ވަނީ ހުށަހަޅުއްވާފަ އެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް އަންހެނުންގެ ކޮމިޓީ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ އަދަދަށް ކަމަށާއި، އަންހެނުންގެ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސް އިންތިޚާބު ކުރާ ގޮތަށް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ކޮމިޓީގެ ރައީސްގެ މަގާމަކީ، ފުލްޓައިމް މަޤާމެއް ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ވަނީ، އިތުރު އިސްލާހުތަކެއް ގެންނަވާފަ އެވެ. އެގޮތުން މާލެ ސިޓީއާއި، ފުވައްމުލައް ސިޓީ ފިޔަވައި އެހެން ސިޓީތަކުގައި އާބާދީ 10،000 އާއި 25،000 ދެމެދުގެ އަދަދެއްނަމަ މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން، އާބާދީ 25،000 އާއި 50،000 އާ ދެމެދު ނަމަ މޭޔަރު ހިމެނޭހެން 11 ކައުންސިލަރުން އަދި 50،000 އަށްވުރެ އިތުރުނަމަ މޭޔަރު ހިމެނޭހެން 15 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހުށަހަޅުއްވާފަ އެވެ. އަދި ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައަޅާނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް ވެސް ވަނީ ހުށަހަޅުއްވާފަ އެވެ.
މީގެ އިތުރުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ގޮތަށް އަދި އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު ޕާޓީއަކާ ގުޅިއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ވެސް އިސްލާހު ވަނީ ހުށަހަޅުއްވާފަ އެވެ.
ކޮމިޓީގައި ހުށަހެޅުއްވި މި އިސްލާޙުތަކާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ 54 މެންބަރުންގެ ވޯޓުންނެވެ. ކައުންސިލަރުންގެ އަދަދާ ގުޅޭ ގޮތުން ގާނޫނުތަކަށް އިސްލާހު ގެންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ.
ފުލުހުންގެ ގިނަ އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ލަފާދެނީ
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ވަކިކުރަން ހުށަހަޅަނީ
ކެއުންތަކުގެ ފައިދާ ހަށިގަނޑަށް ކުރަނީ ތަފާތު ވަގުތުތަކުގައި!