ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2ގައި ދަމަހައްޓައި ކުރިން އޮތް 'ނެގެޓިވް' އައުޓްލުކް 'ސްޓޭބަލް'އަށް މިއަދު ބަދަލުކޮށްފި އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީއޭއޭ-2އަށް ބަދަލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ. އެ ފަހަރު، ރާއްޖޭގެ މާލީ ހާލަތާއި އިގްތިސާދު އޮންނާނެ ގޮތް ނުވަތަ އައުޓްލުކަށް ދިނީ 'ނެގެޓިވް' އެވެ. ރޭޓިން ސީއޭއޭ-2ގައި ދަމަހައްޓައި އައުޓްލުކް 'ނެގެޓިވް' އިން 'ސްޓޭބަލް'އަށް މަތިކުރިކަން މޫޑީސް އިން މިއަދު ވަނީ އާންމުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރިކުރުމަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކާއި އަދި މިހާރުވެސް ތަންފީޒުކުރަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ހެއްކެއް ކަމަށެވެ.

ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް މިކަމުން ފެންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މޫޑީސް އިން ބުނީ އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކާއި އެހެނިހެން ދަރަނިތަކުގެ ގޮންޖެހުންތައް އަދިވެސް ރާއްޖެއަށް އެބައޮތް ކަމަށެވެ. ރިޒާވް އާއި އެސްޑީއެފް ރަނގަޅުވުމުގެ ސަބަބުން އެ ދަރަނި ދެއްކުން ފަސޭހަވާނެކަން އެ ތަނުން ފާހަގަކުރި އެވެ.

މޫޑީޒްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރޭޓިން އަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއާޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ މާރުކުރުމާ ބެހޭ ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފަ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، މި ސިޔާސަތުތަކާއެކު 9 ނޮވެންބަރު 2025 ގެ ނިޔަލަށް މި އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައިކަމަށް މޫޑީޒްއިން ފާހަގަކޮށްފައިވެއެވެ. އަދި މޫޑީޒްގެ ނޫސްބަޔާނުގައި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ޚަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ވަނީ ފާހަގަކޮށްފައެވެ.