ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ދޭ 50،000 ރުފިޔާގެ އެހީ ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.

ރާއްޖެއިން ހަދިޔާކުރި ފައިސާގެ އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މަސްޢޫދު އިމާދުއެވެ. ލަންކާ ސަރުކާރުގެ ފަރާތުން މިއެހީއާ ހަވާލުވެވަޑައިގަތީ އެގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި ލަންކާ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަންކަމަށެވެ. އަދި ރާއްޖެއިން އުއްމީދުކުރަނީ މި އެހީގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން ފޯރުކޮށްދިން އެހީއަށް ޝުކުރު އަދާކުރައްވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ލަންކާގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެ ޤައުމަށް ދިމާވެފައިވާ ހިތާމަވެރި މި ހާލަތުގައި ލަންކާ ރައްޔިތުންނާއެކު ތިބިކަން ދިވެހިރައްޔިތުން ހާމަކޮށްދިނުމަކީ ދެ ޤައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ކަމެއްކަމަށެވެ.

މީގެއިތުރުން ލަންކާއަށް 25،000 މަސް ދަޅު ހަދިޔާކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޕީއެސްއެމް އިން އިސްނަގައިގެން އަމިއްލަ ބައެއް މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.