ޖަނަވާރަކަށް ލާއިންސާނީ އަނިޔާއެއް ދީފިނަމަ، 5،000 ރުފިޔާއިން ފެށިގެން 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރި ކަމުގެ ގާނޫނު" ގެޒެޓުކޮށްފި އެވެ.
ބުދަ ދުވަހު ގެޒެޓުގައި ޝާއިއުކުރި އެ ގާނޫނުގައި ވަނީ، ރާއްޖެއަށް ޖަނަވާރު އެތެރެކުރެވޭނީ ވަކި ޝަރުތުތަކެއް ހަމަވުމުން ކަމަށެވެ. މިގޮތުން، އެ ޖަނަވާރަކީ، ރާއްޖެއަށް އެތެރެކުރުމާއި ގެންގުޅުން މަނާކޮށްފައިވާ ޖަނަވާރަކަށް ނުވުމާއި އެ ޖަނަވާރު އެތެރެކުރަނީ، ގާނޫނުން ހުއްދަ ކުރާ ބޭނުމަކަށް ވާން ޖެހެ އެވެ.
މި ގާނޫނުގެ ތެރެއިން ބައެއް ޖަނަވާރުތައް އެތެރެކުރުމުގައި ޚާއްސަ ހުއްދައެއް ބޭނުންވެ އެވެ. އެއީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނުގައި ހިމެނޭ ޖަނަވާރާއި ނުރައްކާތެރި ޖަނަވާރާއި އޮޅުކޮށްގެން ގެންގުޅުމުގެ ހުއްދަ ނެތް ޖަނަވާރާއި ވިއްސައި، އާލާ ކުރުމަށް ހުއްދަ ނެތް ޖަނަވާރާއި ލައިވް ސްޓޮކް އަދި، ޕޯލްޓްރީގެ ގޮތުގައި ގެންގުޅެން ހުއްދަ ނެތް ޖަނަވާރެވެ. އަދި މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި، ކަމާ ބެހޭ ގަނޫނުތަކުން ރާއްޖެ ގެނައުން ހުއްދަ ކުރާ ޖަނަވާރާއި އެހެން ގާނޫނެއް ދަށުން ޚާއްސަ ހުއްދައެއް އޮތުން ލާޒިމުކުރާ ޖަނަވާރު ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
އޭގެއިތުރަށް، ރާއްޖެއަށް ޖަނަވާރު އިމްޕޯޓު ކުރާ ކޮންމެ މީހަކު ވެސް އެނިމަލް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާއިރު، ރާއްޖޭގައި ޕެޓް ފިހާރަތައް ނުވަތަ އެ ނޫން ގޮތަކަށް ވިޔަފާރި އުސޫލުން ޖަނަވާރު ވިއްކަން ވާނީ، ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ތެރެއިން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ކަމަށް ވެސް މި ގާނޫނުގައިވެ އެވެ.
އެ ތަންތަނުގައި ވިއްކޭނީ، އެކުގައި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކުގެ ގޮތުގައި ހުއްދަކޮށްފައިވާ އެއްގަމުގައި އުޅޭ ޖަނަވާރާއި ދޫނިސޫފާ ސޫތްޕާއި އެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރުތަކެވެ.
ގާނޫނުގައި ވަނީ، ޖަނަވާރަށް ޖެހޭ ބައްޔެއް ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅަން ވެސް ލާޒިމުކޮށްފައެވެ. އޭގެތެރޭގައި، ޖަނަވާރަށް ޖެހޭ ބަލިތަކުގެ ނުރައްކާ ދެނެގަތުމަށްޓަކައި، ދިރާސާކުރުމާއި ބަލި ފެތުރޭ ހާލަތެއްގައި، ބަލި ޖެހިފައިވާ ކަމަށް ބެލެވޭ ޖަނަވާރު ވިއްކުން މަނާކުރުން ހިމެނެއެވެ.
އެއާއެކު، ޖަނާވަރަކަށް ލާއިންސާނީ އަނިޔާއެއް ދިނުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އެފަދަ އަމަލެއް ކޮށްފިނަމަ، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި، 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ. އަދި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަންތަނުގައި އުޅެން ދޫކޮށްލުން ގާނޫނުން ވަނީ މަނާކޮށްފައެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާނީ، ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
25،000 މަސްދަޅު ކޭސް ހިފައިގެން އެމްއެސްއެސްގެ ބޯޓު ލަންކާއަށް
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ރަމީލާ އައްޔަންކުރައްވައިފި
ބައްޕަގެ ފިލްމެއް ރީމޭކްއެއް ނުކުރާނަން: އަބީޝޭކް