ޒުވާން ދަނޑުވެރިޔާގެ އުފަލަކީ އަމިއްލަ ރަށުގައި ދަނޑު ހައްދައިގެން ހިތްހަމަޖެހޭ ދިރިއުޅުމެއް ވޭތު ކުރުން. ދަނޑުވެރި ކަމަށް ނުކުތީ އިލްމާއި ތަޖުރިބާ ލިބި ހުރެ އަދި އެންމެ ފަހުގެ ޓެކްނޮލޮޖީ ރަނގަޅަށް ދެނެ ހުރެ. އަމިއްލަ ރަށުން ދަނޑު ހޯދައި، ދަނޑު ތައްޔާރުކުރީ އޭނާގެ އަމިއްލަ ދެ އަތުން. ޑްރެގަން ފްރުޓް އަދި ކިއުކަންބާ އޭނާގެ ހެއްދީ ޕެސްޓް އަދި އިންސެކްޓްސް އިން ސަލާމަތް ވެފައިވާ މާހައުލެއްގައި. އޭގެ އެއް އަހަރު ފަހުން އޭނާގެ އުފެންދުންތައް ބާޒާރަށް ނެރެވޭ ވަރަށް އުފެއްދުނު. މިއަދު އޭނާ ބޭނުން ވަނީ މާލެއަށް އޭނާ އުފައްދާ ތަކެތި ފޮނުވާއިރު، ހަލާކު ނުވާނެ ގޮތަކަށް ކަމާބެހޭ ފަރާތްތަކުން ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވުން.

ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި ވާނަމަ، ބޭރު ގައުމުތަކަށް ބަރޯސާ ނުވެ، ދިވެހި ދަނޑުތަކުން ދިވެހިންގެ ސުފުރާ މައްޗަށް މީރު ފޮނިކަން ގެނެސްދެވޭނެ ކަމަށް އޭނާ ޔަގީން ކުރެ އެވެ. ސ. މީދުއަށް އުފަން އަބްދުﷲ ރަމްޒީގެ ހިތްހަމަޖެހުމަކީ އަމިއްލަ ފަސްގަނޑުގައި ލޯބިވާ އާއިލާ އާ އެއްކޮށް ދިރިއުޅެމުން އާމްދަނީ ހޯދުމެވެ.

ޒުވާން ދަނޑުވެރިޔާގެ ނަމުން މަޝްހޫރު އަދި އުރީދޫގެ ބްރޭންޑް އެމްބެސެޑަރު ރަމްޒީގެ އުންމީދެއް އޮވެ އެވެ. އެއީ މީދޫގެ ހިތްފަސޭހަ ގޮނޑުދޮށުގައި ކޮންމެ ދުވަހަކު ވެސް ވަގުތު ހޭދަކޮށްލާ، އޭނާގެ ދަނޑުން ލިބޭ އެއްޗަކުން ހިތްހަމަޖެހިގެން ދިރިއުޅުމެވެ. އެ ދަނޑުތަކުގައި ރައްޓެހިންނާއިއެކީ ވަގުތު ހޭދަކޮށްލުމަށެވެ. އެކަން މިއަދު އޭނާ ވަނީ ލައްކަ ތަޖުރިބާތަކަކަށް ފަހު ހާސިލްކޮށްފަ އެވެ.

ދަނޑުވެރިކަމަށް މިސްރާބު ޖެހުމުގެ ކުރިން ރަމްޒީ ވަނީ ގިނަ ދާއިރާތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ފުޓުބޯޅަ ކުޅުމާއި ފުޓުބޯޅަ ކޯޗިން، ގްރެފިކްސް ޑިޒައިނިން، ސްޕޯޓްސް ކޯޑިނޭޓަރުކަން، ހެރެތެރެ އައިލެންޑްގެ ސްޕޯޓްސް ސުފަވައިޒަރުކަން އަދި މޯލްޑިވްސް ޕޮލިސް ސާވިސަސްގައި ހަތަރު އަހަރު އޭނާ ވަނީ މަސައްކަތްކޮށް ތަޖުރިބާތަކެއް ލިބިފަ އެވެ.

ރަމްޒީ ޑްރޭގަން ފްރުޓް ދަނޑުގައި ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާގެ އުފަލަކީ ދަނޑު ހައްދައިގެން އަމިއްލަ ރަށުގައި އާއިލާއާއިއެކު ދިރިއުޅުން.

ދަނޑުވެރިކަމުގެ ތެރެއަށް އޭނާ ނުކުތުމަށް ވިސްނުނީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އާއި ޖަޕާން ގުޅިގެން ޖަޕާންގެ ޓޯކިއޯގައި ހުންނަ އައިޑީއޭސީ އޭ(އިންސްޓިޓިއުޓް ފޮ ދަ ޑިވެލޮޕްމަންޓް އޮފް އެގްރިކަލްޗަރަލް ކޯޕަރޭޝަން އިން އޭޝިއާ)ގައި ކޮލިޓީ އެންޑް ސޭފްޓީ މެނޭޖްމަންޓް އޮފް ފާމް ޕްރޮޑަކްޓްސް ކޯހެއް ހަދަން ލިބުނު ފުރުސަތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ މެލޭޝިއާގައި ޓެކްނޮލޮޖީ ފާމިން އޮޓޯ ޕޮޓް ޓްރެއިނިންއެއް ވެސް ފުރިހަމަކޮށްފަ އެވެ. އަދި ދިވެހި ސަރުކާރުން ސްޕޮންސާ ކޮށްގެން އިންޑިއާގެ ޓީއެންއޭ (ޓެމިލްނާޑޫ އެގްރިކަލްޗަރަލް ޔުނިވާސިޓީ) ގައި ފީލްޑް އޮފިސާ ޓްރޭނިންއެއް ވެސް ފުރިހަމަ ކޮށްފަ އެވެ.

"ޓްރޭނިން ނިންމާފައި ރަށަށް އައިސް ދަނޑުވެރިކަމަށް ނުކުންނަން ބަލާލުމުން އެނގިގެން ދިޔައީ މިކަމަކީ އަލަށް ފަށައިގަންނަ އިރު ފުދޭވަރެއްގެ އިންވެސްޓެއް ކުރަންޖެހޭ މަސައްކަތެއްކަން. ދެން ކުރިކަމަކީ އެކަމަށް ފަންޑް ހޯދަން ރިޒޯޓް މަސައްކަތަށް ނުކުތީ،" ރަމްޒީ ބުންޏެވެ.

ދަނޑުވެރިކަމަށް ފަންޑު ހޯދުމަށް އެއް އަހަރު "މީރު" އަދި "ނިޔާމަ" ރިސޯޓުގައި މަސައްކަތް ކުރުމަށްފަހު ސްޕޯޓްސް ވެއާ ފިހާރައެއްގެ ވިޔަފާރިއެއް ވެސް ފެށި އެވެ. ޖެހިގެން އައި އަހަރު، 2018ގައި އޭނާ ރަށަށް ބަދަލުވީ އެތައް ހިންމަތަކާއި މިންނަތަކުން މަސައްކަތަށް ބޭނުންވާ ފައިސާ އެއްކުރެވުމުންނެވެ.

ދެން އޭނާ ނިންމީ ދަނޑުވެރިކަން ކުރުމަށް ކޮމްޕެނީއެއް އުފެއްދުމަށެވެ. އެގޮތުން" ފްރެޝް ފީލްޑް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި އޭނާގެ އިތުރުން ތިން ޝެއާހޯލްޑަރުން ހިމެނޭހެން ކޮމްޕެނީއެއް ރަޖިސްޓްރީ ކޮށް ދަނޑުހެއްދުމައިގެން ކުރިއަށް ދިއަ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކޮންމެ ކަމަކީވެސް ޗެލެންޖެއް، ސެކްރިފައިސްތަކެއް، ކޮންމެ ކަމެއްގައިވެސް އޮންނާނީ ރިސްކު ނެގުން،" މިދިޔަ ނޮވެމްބަރުގައި، އަމިއްލަ ޚަރަދުގައި ޗައިނާގައި ފާމިން ކުރާގޮތްތަކާއި ޕޮލީހައުސް ޑިޒައިންތައް ބަލާލަން ދިޔަ ރަމްޒީ ބުނެލި އެވެ.

ރަށަށް ބަދަލުވެފައި ފުރަތަމަ ކަމަކަށް އޭނާ ދަނޑު ބިމެއް ލިބޭތޯ ބެލި އެވެ. ރަށު ކައުންސިލާ ދެކެވުނު ވާހަކަތަކަށް ފަހު ދަނޑެއް ލިބޭ ވަރުވީ އޭގެ އެއް އަހަރު ފަހުން ކަމުގައި ރަމްޒީ ބުންޏެވެ. އެއަށްފަހު އެބިން އޭނާގެ އަމިއްލަ ދެއަތުން ސާފޮކޮށް، ޑިޒައިންކުރި އެވެ. އިންދާނީ ކޮންކަހަލަ އެއްޗެއްތޯ ނިންމުމަށް ފަހު ކިއުކަންބާ އަދި ޑްރޭގަން ފްރުޓްސް އިނދި އެވެ.

އޭގެ އެއް އަހަރު ފަހުން 2021 ގައި އޭނާ ކުރި ބުރަ މަސައްކަތުގެ ފޮނި މީރުކަން ލިބިގެން ދިއުމުން މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމުގެ ވިސްނުންއަ އެވެ.

އިންޑިއާގައި ފީލްޑް އޮފިސާ ޓްރޭނިންގް ނިންމުމުގެ ހަފްލާގެ ތެރެއިން ފޮޓޯއަކަށް ހުއްޓިލައިގެން : ދަނޑުވެރިކަމަށް ބޭނުންވާ އިލްމް އޭނާ ވަނީ ހާސިލްކޮށްފައި

"އަޅުގަނޑު ދެން ވިސްނީ ކޮމާޝަލް ސްކޭލެއްގައި މި މަސައްކަތް ކުރުމަށް. އެ ކަމަށްޓަކައި އެޗްޑީއެފްސީ (ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން) އިން އެވަގުތު ދަނޑުވެރި ކަމަށް ހުޅިވާފައިވާ ލޯނުގެ ތެރެއިން، ދޫކުރާ ދެ މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ކޮމާޝަލް ސްކޭލްގެ ކިއުކަންބާ ފާމެއް ތައްޔާރުކުރީ. އެއީ އޮޓޯޕޮޓް ހައިޑްރޯފޯނިކް ސިސްޓަމެއް،" އެސިސްޓަމް ދަސްކުރުމަށް އަމިއްލަ ޚަރަދުގައި މެލޭޝިއާގައި ޓްރޭނިންއެއް ފުރިހަމަ ކުރި ރަމްޒީ އިތުރަށް އޮޅުން ފިލުވައިދިނެވެ.

އޭނާ ކިއުކަންބާ އުފެއްދުމުގައި އޮޓޯ ޕޮޓް ހައިޑްރޯފޯނިކް ސިސްޓަމް ޚިޔާރުކުރީ އަގުބޮޑު ނަމަ ވެސް ރާއްޖެއަށް އެއީ އެންމެ ރަނގަޅު ހައިޑްރޯފޯނިކްސްގެ ވައްތަރު ކަމަށް އޭނާ ބެލި ބެލުމުން ޔަގީން ކުރެވޭތީ ކަމުގައި އޭނާ ބުންޏެވެ.

މަސައްކަތް ފެށި އޭގެ އެއްއަހަރު ފަހުން 2023 ގައި އޭނާގެ ދަނޑުން މެދުކެނޑުމެއް ނެތި ކިއުކަންބާ ލިބެން ފެށި އެވެ. ކޮންމެ މަހަކު އެންމެ މަދުވެގެން ފަސް ޓަނު ކިއުކަންބާ އުފެއްދޭ ކަމަށް އޭނާ އުފަލާ އެކު ބުންޏެވެ. އޭނާގެ އުންމީދަކީ އުފައްދާ މިންވަރު އިތުރު ކުރުމެވެ.

ވަރަށް ކާމިޔާބުކަމާ އެކު ޑްރޭގަން ފްރުޓްސް އަދި ކިއުކަންބާ ހެއްދުމުގެ ބުރަ މަސައްކަތުގައި އުޅޭއިރު ރަމްޒީ އެންމެ އިސްކަމެއް ދެނީ ކެމިކަލް ނުހުންނަ އޯގޭނިކް ނުވަތަ ގުދުރަތީ ގަސްކާނާ ބޭނުން ކޮށްގެން ދަނޑު ހެއްދުމަށެވެ. ގަސްތައް ހައްދާފައި ހުންނަނީ ގަސްތަކަށް ގެއްލުންދޭ ކުދި ސޫފި ނުވަތަ ޕެސްޓް އާއި އިންސެކްޓްސްއިން ރައްކާތެރި ކުރެވިފައިވާ "ކޮންޓްރޯލްޑް" މާހައުލެއްގަ އެވެ. އެ މާހައުލަށް ދެވިފައިވާ ނަމަކީ ޕޮލީ ހައުސް އެވެ. ޑްރޭގަން ފްރުޓް ހެއްދުމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް އޭނާ ވަނީ ފިލިޕީންސްގެ ޑްރޭގަން ފްރުޓް ފާމްއަކަށް ޒިޔާރަތްކޮށް އެ މަސައްކަތް ކުރާގޮތް ދަސްކޮށްފަ އެވެ.

ސަބްސިޑައިޒް ރޭޓްތަކަކަށް ބޭނުންވެފައި

ދަނޑު ގޮވާމަކީ މާރުކޭޓާށް ލިބޭއިރު ތާޒާކޮށް ހުންނަން ޖެހޭ ތަކެއްޗަށް ވުން މުހިންމެވެ. ރަމްޒީގެ މަސައްކަތުގައި އެންމެ ދަތި އުނދަގޫ ކަމަކީ ރަށުން މާލެއަށް ޑެލިވާކުރާއިރު އޭގެ ކޮލިޓީ ވެއްޓޭނެ ފަދަ ގޮތް ގޮތް ދިމާވުމެވެ.

"އަޅުގަނޑުގެ ދަނޑުން އުފައްދާ ތަކެތި ފުވައްމުލަކާ ހަމައަށް ތާޒާކޮށް ފޮނުވޭ. އެހެން ނަމަވެސް އެއަށް ވުރެ ބޭރަށް ފޮނުވާއިރު ކަނޑުމަގުން ފޮނުވާ ނަމަ އޭގަ ފިނި ހޫނުމިން ނުހިފަހައްޓާ ދޭތީ މާކެޓާ ހަމައަށް ފޯރާއިރު ތަކެތި ހުންނަނީ ޝެލްފް ލައިފަށް ގެއްލުންވެފައި، ކޮލިޓީ ގެއްލިފައި،" ރަމްޒީގެ ކަންބޮޑުވުމެއް ހިއްސާކޮށްލަމުން ބުނެލި އެވެ.

އޭނާ ބުނިގޮތުގައި ވައިގެ މަގުން ފޮނުވާ ނަމަ، އަގު އުފުލެ އެވެ. އޭގެ ސަބަބުން ބޭރުން އިމްޕޯޓްކުރާ ތަކެއްޗާއި އޭނާ ފޮނުވާ ތަކެތީ އަގު ހުންނަނީ ދާދި އެއްވަރަކަށެވެ. އެކަމުގެ ހައްލަކީ އޭނާ ބުނިގޮތުގައި ދަނޑުވެރިކަމަށް ސަބްސިޑައިޒް ކޮށްގެން ކޮންމެ ވެސް ވަރެއްގެ އެއާ ކާގޯ ރޭޓްތަކެއް ކަމާބެހޭ ފަރާތްތަކުން ހަމަޖައްސައި ދިނުމެވެ. މާލެއަށް ނުވަތަ ސެންޓްރަލް މާކެޓަށް ކޮލިޓީ ތާޒާ ތަކެތި ފޯރުކޮށް ދިނުމަށް ދިމާވާ ދަތިތަކަށް އޭރުން ހައްލު ލިބިގެންދާނެ އެވެ.

ދަނޑުވެރިކަމަށް ސަބްސިޑައިޒް ކޮށްކޮށްގެން ކޮންމެ ވެސް ވަރެއްގެ އެއާކާގޯ ރޭޓްތަކެއް ކަމާބެހޭ ފަރާތްތަކުން ހަމަޖައްސައި ދޭނަމަ، މާލެއަށް ނުވަތަ ސެންޓްރަލް މާކެޓަށް ކޮލިޓީ ތާޒާ ތަކެތި ފޯރުކޮށް ދިނުމަށް ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ
ރަމްޒީ

ނަތީޖާ ނެރުމަކީ އޭނާ ކުރާނެ ކަމެކެވެ. މީގެ ހަތަރު އަހަރު ކުރިން ދިން އިންޓަވިއުއެއްގައި ރާއްޖޭގައި ކޮފީ ގަސް ހެއްދުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނެފައިވެ އެވެ. މިއަދު އޭނާ ވަނީ ކޮފީގަސް ހައްދައި މާ ވެސް އަޅުވާފަ އެވެ. ރަމްޒީގެ ކާމިޔާބު ދަނޑުވެރިކަން އަންނަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުންނެވެ. މިއަހަރުގެ ނޮވެމްބަރު މަހުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު، ކުދި ވިޔަފާރިތަކުގެ އަގު ވަޒަންކޮށް ދެވޭ އެވޯޑުގައި، ރަމްޒީގެ "ފްރެޝް ޔީލްޑް ކޮމްޕެނީ" ވަނީ ޖަޖުންގެ ފައިނަލިސްޓް ކެޓެގަރީގައި ހިމެނިފަ އެވެ. އެއީ އަދި ފެށުމެކެވެ.

އޭނާގެ އުންމީދަކީ ކުރިމަގުގައި އޭނާގެ ދަނޑުވެރިކަން އިތުރަށް ފުޅާކުރުމެވެ. އިތުރު ކާމީޔާބީތައް ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ހާސިލްކުރުމެވެ.

އެމް އެސް އެމް އީ އެވާޑް ހަފްލާގައި ފޮޓޯއަކަށް ހުއްޓިލައިގެން: "ފްރެޝް ޔީލްޑް ކޮމްޕެނީ" ޖަޖުންގެ ފައިނަލިސް ކެޓެގަރީގައި ހިމެނުނު

ދުވާލުގެ ހުރިހާ ވަގުތެއް ދަނޑުގައި މަސައްކަތް ކުރާ ރަމްޒީ އެދެނީ ވީހާ ވެސް ގިނަ ޒުވާނުން ދަނޑުވެރިކަމަށް ނުކުތުމަށެވެ. އަދި ބޭރު ގައުމުތަކަށް ބަރޯސާވުން ހުއްޓުވައި ރާއްޖެއަށް ބޭނުންވާ ދަނޑު ގޮވާން ރާއްޖޭގައި ހެއްދުމަށެވެ. ރަމްޒީގެ ދަނޑުތަކުން މައުލޫމާތު ހޯދުމަށް ރާއްޖެ އާއި ބޭރުގެ ބައެއް ފަރާތްތަކުން ޒިޔާރަތް ކުރާކަން އޭނާ ވަރަށް އުފަލާއެކު ފާހަގަ ކުރެ އެވެ. އެގޮތުން މިހާތަނަށް 12،900 މީހުން އޭނާގެ ޑްރޭގަން ފްރުޓް ދަނޑަށް ވަނީ ޒިޔާރަތްކޮށް އެ މަސައްކަތް ކުރާ ގޮތް ބަލާލައިފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ 12 ކައުންސިލަކުން ވެސް ޒިޔާރަތްކޮށް މައުލޫމާތު ހޯދާފައި ވެ އެވެ.

އެމެރިކާގެ މަޝްހޫރު ޔޫޓިއުބާ މާކް ވީންސް ރަމްޒީގެ ދަނޑުން އުފައްދާ މޭވާ ރަހަ ބަލަނީ: ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަބަޔަކު އޭނާގެ މަސައްކަތް ބަލާލަން ޒިޔާރަތްކުރޭ

ކާބަފައިންގެ ދުވަސްވަރު ދިވެހިން ރުއް ގަހުން މަންފާ ހޯދަމުން ދިޔައީ އަޖައިބެއް ފަދަ ގޮތަކަށް ކަން ތާރީޚުގެ ފަތްފުއްތަކުން ހެކި ދެ އެވެ. މިއަދު ފުރޯ އަދި ކަތިވަޅި ހިފައިގެން ރަމްޒީ ދަނޑަށް ނުކުތީ އިލްމާ ޓެކްނޮލޮޖީ ބޭނުންކޮށް ކުރިއެކޭ އެއްގޮތަށް ދަނޑުވެރިކަމުން ނަފާ ލިބޭނެ ކަމަށް ބުނަމުންނެވެ. އެކަން އެވަނީ ދައްކަދީފަ އެވެ.