އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުން ވަގަށް ނެގި 13.6 މިލިއަން ސިނގިރޭޓް އަދިވެސް ހޯދިފައެއްނުވެ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ލޮޓަސް ކުންފުނީގެ ވެރިޔާ، އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
އެ މީހުންނަށް ތުހުމަތު ކުރަނީ އެކަން ރާވައި ހިންގައި އެކަމަށް ހަރަދުކުރި ކަމުގެ ތުހުމަތެވެ. އެ މީހުން ދޫކޮށްލަން ޕީޖީ އޮފީހުން ދެއްކި ބަހަނާއަކީ ކުށުގައި އަމަލީގޮތުން އެ މީހުން ބައިވެރިވެފައިނުވުމެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ އޮފީހަށް ވަނީ އަމާޒުވެފަ އެވެ.
ބައެއް ފަރާތްތަކުން ބުނީ އެ އުސޫލުން ބަލާނަމަ މީހުން މަރަން ރޭވުމަކީ ވެސް ރާއްޖޭގައި ބޮޑު ކަމަކަށްނުވާނެ ކަމަށެވެ.
"ކިހިނެތްތޯ އެ ނިންމުން ގަބޫލުކުރެވޭނީ. މީހުން މަރަން ފައިސާ ހަރަދުކުރުމާއި މީހުން މަރަން ރޭވުމަކީ ވެސް މާބޮޑުކަމެއްގެ ގޮތުގައި ހިޔެއްނުވޭ ދެން ރާއްޖޭގައި ދެކޭނެހެން،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ތުހުމަތުކުރެވޭ އެންމެންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ. އެކަމަކު ދައުވާކުރުމާ މެދު އަދި ވަކިގޮތެއް ނުނިންމަ އެވެ.
އާއްޓޭ އާއި ދިގަލީގެ އިތުރުން ކޮންޓެއިނާ ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެގެން ހުރި ކ. ތުލުސްދޫ، ލިންކް ހައުސް، ހަސަން އަބްދުއްރަހްމާން ވެސް ވަނީ ބަންދުން ދޫކޮށްލާފަ އެވެ،. ނަމަވެސް ދެން ތިބި މީހުން ބަންދުން ދޫކޮށްލާކަށް އެދިފައެއްނުވެ އެވެ.
އޭގެ ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ އެއީ ސިނގިރޭޓް ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށް ވުމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީ ކަމަށެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އެތަކެތީގެ ކަސްޓަމްސް ޑިއުޓީއަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް 25 އިންޓާނުން ހޮވައިފި
މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެންނަނީ
އެއާޕޯޓުން ފޭރުނު ޑޮލަރުތައް އަދިވެސް ނުފެނޭ
