މަކަރާއި ހީލަތުން، ރާއްޖޭގެ ރިސޯޓަކުން 250،000 ޑޮލަރު ސްކޭމަރުން އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސްކޭމްކޮށްގެން ފައިސާ ހޯދާ މިންވަރު އިތުރުވަމުންދާތީ އެކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ސީނިއާ ސާޖަންޓް އަބްދުﷲ ޝަހްނީޒް ވިދާޅުވީ އެ ސްކޭމް ހިންގާފައިވަނީ، އެ ރިސޯޓުގެ މާލީ މުއާމަލާތްތައް ކުރުމަށް ބޭނުންކުރާ ރަސްމީ އީމެއިލް އެކައުންޓެއް ހެކްކޮށްގެން ކަމަށެވެ.

އެ ބޮޑު ސްކޭމް ހިންގާފައި ވަނީ ކޮން ރިސޯޓަކުން ކަން ހާމަކޮށްފައި ނުވާއިރު، އޭނާ ވިދާޅުވީ އީމެއިލް ހެކްކޮށްގެން މިދިޔަ މަހު ކުރި އެ ވައްކަމުގައި 250،000 ޑޮލަރު (3.8 މިލިޔަން ރުފިޔާ) އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީއެ ފައިސާ ހޯދުމަށް ފުލުހުން ވަނީ އިންޓަޕޯލްގެ އެހީ ހޯދާފައި ކަމަށާއި ވަގަށް ނެގި ފައިސާ މިހާރު ހުރީ އެމެރިކާގެ ބޭންކެއްގައި ބަހައްޓާފައި ކަމަށް ވިދާޅުވި އެވެ.

ޝްހްނީޒް ވިދާޅުވީ މިގޮތަށް ގެއްލޭ ފައިސާގެ މައްސަލަ ވީހާ ވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް އެދޭ ކަމަށާއި އޭރުން ބޭރު ގައުމުތަކާ އޮންނަ ގުޅުންތަކުގެ ތެރެއިން މި ފައިސާ ހޯދަން މަސައްކަތް ކުރެވޭނެ ކަމަށެވެ.

ރިސޯޓަކުން 250،000 ޑޮލަރު ފޭރިގަނެފައިވާ ކަމަށް ފުލުހުން ހާމަކުރިއިރު، ފުލުހުުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް ސްކޭމްގެ 98 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން 1.4 މިލިޔަން ރުފިޔާ ވަގަށް ނަގާފައިވާއިރު، އޭގެ ތެރެއިން ހޯދުނީ 280،000 ރުފިޔާ އެވެ.