މާލޭގެ މަޖީދީ މަގުގައި ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވައިފި އެވެ.

ހަފްތާއެއް ތެރޭގައި ހަދާ ނިންމާލި ވަގުތީ މިސްކިތް މިއަދުގެ ހުކުރު ނަމާދަށް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އިސްލާމިކް މިނިސްޓްރީއިން ބުނީ ވަގުތީ މިސްކިތުގައި އެއް ފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. ޒިކުރާ ބިމުގައި ވަގުތީ މިސްކިތެއް ހެދީ ސިވެކް ކުންފުންޏާ ހަވާލުކޮށްގެނެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި ރޯދަމަހަށް ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް އެތަން ކޮންނަނިކޮށް މިދިޔަ އަންގާރަ ދުވަހު ވަނީ އެތަނުން މިނި ކަށިތަކެއް ފެނިފަ އެވެ. އެހެން ކަމުން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެތަނުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، އެ ބިމުން މިނިކަށި ފެނުމުން އެތަނުގައި މިސްކިތް އެޅުމާމެދު ދީނީ އިލްމުވެރިންގެ މެދުގައި ވަނީ އިޚްތިލާފުތަކެއް އުފެދިފަ އެވެ.

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ބުރަވެވަޑައިގަންނަވަނީ މިނިކަށި ފެންނަ ތަންތަނުގައި މިސްކިތް ބިނާކޮށްގެން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، އިމާރާތްކުރުމުގެ ކުރިން އެ ކަށިތައް ނަގައި، އިހުތިރާމާއެކު އެހެން ތަނެއްގައި ވަޅުލުމުން ރަނގަޅުވާނެ ކަމަށް ފިގުހު އެކެޑަމީން ނިންމާފައިވާ ކަމަށް ޑރ. އިޔާޒް ވިދާޅުވި އެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އޮފީސް އިމާރާތަކާއެކު 10 ބުރީގެ މިސްކިތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ކުރީގެ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް، އަހަރެއް ވާން ކައިރިވީ އިރުވެސް މިސްކިތް އެޅުމުގެ އަމަލީ މަސައްކަތް ފެށިފައި ނުވާތީ މިސަރުކާރުން ވަނީ އެ އެއްބަސްވުން އުވާލާފަ އެވެ.