ޖަކާޓާ (އޭޕްރިލް 23)- އިންޑޮނޭޝިއާގެ ސަބްމެރިނެއް މިދިޔަ ބުދަ ދުވަހު ގެއްލި، އެ ގައުމުގެ ރެސްކިއު ޓީމްތަކާއި ނޭވީން ކުރަމުން އަންނަ މަސައްކަތްތައް ވަރުގަދަކޮށްފި އެވެ.

އިންޑޮނޭޝިއާގެ ބާލީގެ އުތުރުން 53 ފަޅުވެރިންނާއެކު ގެއްލުނު މި ސަބްމެރިން ހޯދަން އިތުރު ނޭވީ ބޯޓުތައް ވަނީ އެ ގައުމުގެ ބަންޔޫވަންގީ ނޭވީ ބޭސް އިން ފުރައިފަ އެވެ.

ސަބްމެރިން ހޯދުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލަމުން އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ މިވަގުތު އެންމެ މުހިއްމުކަމަކީ ސަބްމެރިންގައި ތިބި ފަޅުވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ޔަގީންކުރުން ކަމަށެވެ.

އޮފިޝަލުން ބުނާގޮތުގައި ސަބްމެރިންގައި އޮކްސިޖަން ހުންނާނީ ހޮނިހިރު ދުވަހާ ހަމައަށް ވާވަރަށް ކަމަށާއި އުޅަނދު އަވަހަށް ނުފެނިއްޖެ ނަމަ އޭގައި ތިބި ފަޅުވެރިންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ.

ޑީސަލް ބޭނުންކޮށްގެން އޮޕަރޭޓްކުރާ މިސަބްމެރިނަށް ފީނުމުގެ ގާބިލިއްޔަތުކަން ލިބިފައިވާނީ 500 މީޓަރު އަޑިއަށް ކަމަށާއި އުޅަނދު ގެއްލުނު ހިސާބަކީ 1500 މީޓަރު ފުން ހިސާބެއް ކަމަށް ވުމުން ލިބިދާނެ ގެއްލުން ބޮޑު ކަމަށް އެ ގައުމުގެ ނޭވީގެ ޗީފް އޮފް ސްޓާފް ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް ސަބްމެރިން ހޯދުމުގައި މާބޮޑު ކާމިޔާބެއް ލިބިފައި ނެތް ކަމަށް ވިޔަސް، އުދަނދު ގެއްލުނު ކަނޑުގެ ހިސާބުން ތެލުގެ އަސަރު ފެނިފައިވާ ކަމަށާއި އެ ސަރަހައްދުގެ 50 މީޓަރު އަޑިން ވަރުގަދަ ދަމާ ބާރެއް ފެނިފައިވާ ކަމަށް ނޭވީ އިން ބުނެ އެވެ.

މުސްކުޅި، 1977 ވަނަ ބަނދެފައިވާ 1،395 ޓަނުގެ މި ސަބްމެރިން އަކީ 1981 ވަނަ އަހަރުން ފެށިގެން އިންޑޮނޭޝިއާގައި ބޭނުން ކުރަމުން އަންނަ 44 އަހަރުވީ އުދަނދެކެވެ.

ސަބްމެރިން ހޯދުމުގެ މަސައްކަތް ތަކުގައި އިންޑޮނޭޝިއާ ގެ އިތުރުން އެމެރިކާ، އޮސްޓްރޭލިއާ، މެލޭޝިއާ އާއި އިންޑިއާއިން ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. -- އަލް އަރަބިއްޔާ