މިއީ އަނިޔާވެރިކަމުގެ އަނިޔާއެއް ކަމަށާއި އަނިޔާވެރިކަމުން ދެމެހެއްޓެނު ވެރިކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އޭސީސީން ޖިނާއި މައްސަލަތަކެއް ތަހުގީގު ކުރާ ކަމަށް ބުނެ ދޮގު އިލްޒާމް އަޅުވައި މަހާޒުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26ގަ އެވެ. އެކަމާ ގުޅުވައި އެއްވެސް ހަގީގަތެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް މަހާޒު އާއި އަޒްމިރަލްދާ ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފަ އެވެ.

އެ ބޭފުޅުން ސަސްޕެންޑު ކުރީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައި އޮތް މައްސަލަ ބަލަން ނިންމައިފައި ވަނިކޮށެވެ. އެއީ ސަރުކާރުގެ މަސްލަހަތު އޮތް ކަމެއް ކަމަށްވާއިރު، އޭސީސީއާއި ޖޭއެސްސީގެ ކުއްލި ނިންމުމާ ގުޅިގެން އެ ދެ ކޮމިޝަނާއި ސަރުކާރަށް ތުހުމަތުތަކާއި ފާޑުކިޔުން އަމާޒުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރިތާ ގިނަ ދުވަސްތަކެއްފަހުން، ދެ ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖޭއެސްސީން އޭސީސީއަށް ފޮނުވާފައި ވަނީ މިއަދު އެވެ. ޖޭއެސްސީން އޭސީސީއަށް ބަޔާންތައް ފޮނުވާފައި މިވަނީ އެ ދެ ފަނޑިޔާރުން ފަނޑިޔާރުކަމުން ވަކިކުރިތާ ހަ މަސްދުވަސް ފަހުންނެވެ.

އެކަމަށް އިޝާރާތްކުރައްވައި މަހާޒު ސޯޝަލް މީޑިއާގައި ލިޔުއްވި ކުރު ޕޯސްޓެއްގައި ވަނީ މިއީ "އަނިޔާވެރިންގެ އަނިޔާއެއް" ގޮތަށް ސިފަކުރައްވައިފަ އެވެ.

"މިއީ އަނިޔާވެރިންގެ އަނިޔާއެވެ. އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތެވެ. ކޮންމެ ވެރިކަމެއްގެ "ދަޅު ފުލުގައި" މުއްދަތު ހަމަވާ ތާރީޚުވެއެވެ،" އެ ޕޯސްޓުގައިވެ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށްވާއިރު އެކަމާ ގުޅިގެން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އަދި ޖޭއެސްސީގެ ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގައި އަމަލު ކުރި ގޮތާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވެސް ވަނީ ކަންބޮޑުވުންތަކެއް ވެސް ހިއްސާކުރައްވާފަ އެވެ.