ޔޫކްރޭނުން ސުލްހަވުމަށް ބޭނުން ނުވާ ކަމަށާއި، އެ ގައުމުން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރަން ނޭދޭނަމަ ރަޝިޔާއިން ބޭނުންވާ ކަންކަން ހާސިލް ކުރާނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވިދާޅުވެއްޖެ އެވެ.

ޕުޓިން މިހެން ވިދާޅުވެފައި ވަނީ ރަޝިޔާއިން ޔޫކްރެއިންއަށް ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދިނުމުން، އެ ކަމުން ދައްކުވައިދެނީ ޔޫކްރެއިންއާ ހިލާފަށް ރަޝިޔާއިން ދެ ގައުމުގެ ދެމެދުގައި ކުރަމުންދާ ހަނގުރާމަ އަދިވެސް ކުރިއަށް ގެންދަން ބޭނުންވާކަން ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީތު ޒެލެންސްކީ ވިދާޅުވެފައިވަނިކޮށެވެ.

ހަތަރު އަހަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޔޫކްރެއިނުން ހަނގުރާމަ ހުއްޓައިލުމަށް ބޭނުން ނުވާ ކަމަށް ޕުޓިން މި ދަނޑިވަޅުގައި ދެންނެވުމުން މަޝްވަރާތަކުގައި ޔޫކްރެއިންއިން އެއްބާރުލުން ނުދޭނެ ކަމަށް ރަޝިޔާއިން ގަބޫލުކުރާ ކަން ދޭހަވެ އެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ބުނީ އެ ގައުމުގެ އަސްކަރީ ފައުޖުން ޔޫކްރެއިންގެ ދޮނެސްކްއާއި ޒަޕޮރީޖާ ސަރަޙައްދުގެ ގިނަ އަވަށްތަކެއް ހިފާފައިވާ ކަމަށެވެ.

ނަމަވެސް ޔޫކްރޭނުން އެ ކަން ދޮގުކުރެއެވެ. ޔޫކްރޭނުން ބުނީ ދެ ގައުމުން އަދިވެސް ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންދާ ކަމަށެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގެ އެންމެ އަދާހަމަ މަޢުލޫމާތު މި ޙާލަތުގައި ކަށަވަރުކުރުމަށް އެކި ހުރަސްތައް އެބަހުއްޓެވެ.