އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ ޕަޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަގާމަށް ވާދަކުރެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ.

ރައީސްގެ މަގާމަށް ވާދަކުރުމުގެ ޝަރުތުތައް

  • މުސްލިމަކު ކަމުގައިވުން
  • ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • ބޭރު ގައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން
  • ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން
  • ޕާޓީގެ މެންބަރެއް ކަމުގައިވުން
  • މީލާދީ ސަނަތުން 30 (ތިރީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
  • ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ހިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަހުލާގީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީއަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން ދެ އަހަރު އުޅެ، ޕާޓީގެ އުސޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކު ކަމުގައި ވުން
  • ސަނަދުގެ ފެންވަރު ބެލުމާ ބެހޭ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ޤަބޫލުކުރާ ޔުނިވާސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުން، އަދި މަދުވެގެން ތިން އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.

އެ މަގާމަށް އެންމެ މީހަކު ކުރިމަތިލި ކަމުގައިވީ ނަމަވެސް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެކަކަށް ވުރެ ގިނަ މީހުން ވާދަކުރާނަމަ ޖެނުއަރީ 31، 2026 ގައި ރައީސަަކު އިންތިހާބުކުރަން ވޯޓު ނަގާނެ ކަމަށް އެ ޕާޓީން ބުންޏެވެ. އެ ވޯޓު ނަގާނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖެނުއަރީ 8، 2026 ގެ 16:00 އެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގައި މިހާރު ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.