ޖަކާޓާ (24 އޭޕްރިލް ) - އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ސަބްމެރިން އަޑިއަށް ގޮސްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް އެ ސަބްމެރިން ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަސްކަރިއްޔާގެ ޗީފް ހާދީ ޖަހްޖަންޓޯ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަބްމެރީން ގެއްލުނު ހިސާބުގެ ކަނޑުގެ ސަރަހައްދުން ތެޔޮ ލީކު ފެނިފައިވާ ކަމަށާއި ސަބްމެރީންގެ ބައިތައް ކަމަށް ޝައްކު ކުރެވޭ އެއޗެހި ތަކެއް ޑައިވިންގް ޓީމުން ހޯދާފައިވާ ކަމަށެވެ.

އަސްކަރިއްޔާގެ އެހެން އޮފިޝަލަކު ވިދާޅުވީ އެސަރަހައްދުން ފެނިފައިވާ ބައިތަކަކީ ސަބްމެރީން އަށް ގެއްލުމެއް ނުލިބި އޭގެން ވަކިވާނެ ބައިތަކަކަށް ނުވާތީ ސަބްމެރީން އަޑިއަށް ގޮސްފައިވާކަން ޔަގީނާ ގާތަށް އެނގޭ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި މި ނޫސްވެރިންގެ ބައްދަލު ވުމުގައި އަސްކަރިއްޔާއިން ވަނީ ކަނޑުގެ ސަރަހައްދުން ފެނުނު ބައެއްތަކެތި ނޫސްވެރިންނަށް ދައްކާލާފަ އެވެ. މީގެ ތެރޭގައި ސަބްމެރީންގެ ޓޯޕިޑޯގެ ބަޔަކާއި ނަމާދު މުސައްލައެއްގެ އިތުރުން ގްރީސް ފުޅިއެއް ހިމެނެ އެވެ.

އޮފިޝަލުން އިތުރަށް ވިދާޅުވީ މިފެނުނު ތަކެތީގެ ތަހްލީލުތަކުން ދައްކާގޮތުގައި ސަބްމެރީން 850 މީޓަރު އަޑިއަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. 44 އަހަރު ވެފައިވާ މިސަބްމެރީންނަށް ފީނުމުގެ ގާބިލިއްޔަތުކަން ލިބިފައިވަނީ 500 މީޓަރާ ހަމައަށެވެ.

ސަބްމެރީން ކަނޑުގެ 850 މީޓަރު އަޑިއަށް ގޮސްފައިވާތީ ރެސްކިއު ޓީމު ތަކަށް އުޅަނދު ހޯދުމުގައި ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ވަމުންނެވެ.

މާހިރުން ލަފާކުރާ ގޮތުގައި ސަބްމެރީން އަޑިއަށްދާން މެދުވެރިވީ ކަރަންޓް ކެނޑުމުގެ ސަބަބުންނެވެ. އެހެންކަމަށް ވާ ނަމަ އެ އުޅަނދުގައި އޮކްސިޖަން ހުންނާނީ ހޮނިހިރު ދުވަހުގެ 3 ޖަހަންދެންނެވެ. މި ސަބަބަށްޓަކައި ސަބްމެރީންގައި ތިބި ފަޅުވެރިން ސަލާމަތުން ފެނުމުގެ އުއްމީދުވަނީ ކުޑަވެފަ އެވެ.

ކޭ އާރް އައި ނަންގަލަ 402 ނަމަކަށް ކިޔާ މި ސަބްމެރީން އާ ގުޅުން ކެނޑިފައިވަނީ ބުދަ ދުވަހު ފަތިހު އިންޑޮނޭޝިއާ ގަޑިން 4:30 ގަ އެވެ.

ސަބްމެރީން ހޯދުމުގައި އިންޑޮނޭޝިއާގެ 25 ބޯޓުގެ އިތުރުން އެހެން ޤައުމުތަކުގެ ބޯޓްތައް ވެސް ހަރަކާތްތެރިވަމުން ދާއިރު ސަބްމެރީން ފެނުމުގެ ފުރުސަތު ވަރަށް ހަނިކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ.