ޖަކާޓާ (25 އޭޕްރިލް)- މިދިޔަ ބުދަ ދުވަހު ފަތިހުން ފެށިގެން ހޯދަމުންދާ އިންޑޮނޭޝިއާގެ "ކޭއާރުއައި ނަންގަލަ 402" ސަބްމެރިން ކަނޑު އަޑިން ފެނިފައިވާ ކަމަށާއި އެއްވެސް ފަޅުވެރިއަކު ސަލާމަތްވެފައި ނުވާ ކަމަށް އެގަ އުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ސަބްމެރީން ފެނިފައިވަނީ ކަނޑުގެ ސަތަހައިގެ 800 މީޓަރު އަޑިން ކަނޑުއަޑީގެ ހާއްސަ ރެސްކިއު އުޅަނދެއް ބޭނުންކޮށްގެންނެވެ. މިއީ ކޭއާރުއައި ނަންގަލައަށް ފީނުމުގެ ގާބިލްކަން ލިބިފައިވާ ފުންމިނަށް ވުރެ، 300 މީޓަރު ފުން ހިސާބެކެވެ.

ސަބްމެރީން ހޯދުނުކަން އަސްކަރިއްޔާއިން މިއަދު ކަށަވަރު ކޮށްދީފައިވާއިރު އިއްޔެގެ ވަގުތެއްގައި ސަބުމެރީންގެ ބައިތަކެއް ކަމަށް ޝައްކުކުރެވޭ އެއްޗެތިތަކަކާއި ތެޔޮލީކުވެފައިވާ ސަރަހައްދެއް ފެނިފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

އުޅަނދުގައި ތިބި ކްރޫން ދިރިތިއްބާ ފެނުމުގެ ފުރުސަތެއް ނެތް ކަމަށް އަސްކަރިއްޔާގެ ވެރިޔާ ހާދީ ޖަހުޖަންޓޯ އިއްޔެ ވިދާޅުފައިވާއިރު މިއަދު އޭނާ ވަނީ އެކަން ނޫސްވެރިންނަށް ޔަގީންކޮށްދީފަ އެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ މަރުވި ކްރޫއިންނަކީ އެގައުމުގެ އެންމެ މަތިވެރި ޝަހީދުންގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ހިތާމައިގެ މި ދަނޑިވަޅުގައި މުޅި ގައުމު ކްރޫއިންގެ އާއިލާތަކާއެކުގައިވާ ކަމަށް ބުނެ، އެ މަނިކުފާނު ވަނީ އެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ.

ސަބްމެރީން ފެނުނުއިރު ތިން ބުރިއަށް ބުރިވެފައިވާއިރު، މާހިރުން ވިދާޅުވާގޮތުގައި އެކަން އެގޮތަށް މެދުވެރިވި ކަމަށް ބެލެވެނީ ފެނުގެ ޕްރެޝަރު މަތި ހިސާބެއްގައި ގޮވި ބާރުގަދަ ގޮވުމެއްގެ ސަބަބުންނެވެ.

އަޑިއަށް ގޮސްފައިވާ ސަބްމެރީން ފެނުން މައްޗަށް ހިއްލުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ސަރަހައްދުގެ ކަނޑުގެ ފުންމިނާއި ފެނުގެ ޕްރެޝަރުގެ ސަބަބުން މި މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.

ހަތަރު ދުވަހަށް ދެމިގެން ދިޔަ ސަބްމެރީން ހޯދުމުގެ އޮޕަރޭޝަންގައި އިންޑޮނޭޝިއާގެ ހަނގުރާމަމަތީ ބޯޓުތަކުގެ އިތުރުން އަވަށްޓެރި މެލޭޝިއާ، ސިންގަޕޫރު، އިންޑިއާގެ އިތުރުން އެމެރިކާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިހާދިސާއަކީ ދުނިޔޭގެ ތާރީހުގައި ވެސް ސަބްމެރީން އެއް އަޑިއަށް ގޮސްގެން ހިނގި އެންމެ ހިތާމަވެރި ހާދިސާއެ ވެ. --އަލް އަރަބިއްޔާ