މި މަހު 31 ގައި އެ ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގަ ނުދޭ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އާންމު މެންބަރެއް ކަމަށްވާ ޑރ. އިކްރާމް އަބްދުއްސައްތާރާއި އަދާލަތު ޕާޓީގެ ނައިބު ރައީސް ޝެއިޚު މުހައްމަދު ޝިފާނެވެ. އޭގެ ތެރެއިން އިކްރާމް މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދިވަޑައިގެން ސިޓީއެއް ހުށަހަޅާފަ އެވެ.
އެ ސިޓީގެ ޖަވާބުގައި އަދާލަތު ޕާޓީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަލީ ރަޝީދު އިކްރާމަށް ފޮނުވި ސިޓީގައި ވަނީ ރައީސަކު ހޮވުމުގެ އިންތިޚާބުގެ ކަންކަން ކުރިއަށް ދަނީ ޕާޓީގެ ދުސްތޫރާއި އެތެރޭގެ އިންތިޚާބުތަކަށް ހެދިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. މިގޮތުން، މިހާރު ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހެދިފައިވާ ގަވައިދުގައި ވޯޓު ފޮށި ބަހައްޓަން ޖާގައެއް ނުދޭ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
ޕާޓީގެ އިންތިޚާބުގެ ކަންކަން އިންތިޒާމު ކުރަނީ މިނިވަންކަމާއި ދެފުށް ފެންނަކަން ކަށަވަރުވާނެ ގޮތަށް ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އެހެންވެ، ޕާޓީގެ މެންބަރުންގެ މެދުގައި އިންތިޚާބާމެދު ޝައްކު އުފެދޭ ގޮތަށް ވާހަކަ ނުދައްކަން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ޕާޓީގެ ރައީސް ކަމަށް ޝެއިޚް ޝިފާން ކުރިމަތިލެއްވީ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އާއި، ޝެއިޚް އިޔާޒް އަބްދުއްލަތީފާއި، ޝެއިޚް އިލްޔާސް ހުސައިންގެ ތާއީދާއެކު އެވެ. އަދާލަތު ޕާޓީގެ ރައީސަކު ހޮވަން ބާއްވާ އެތެރޭގެ އިންތިޚާބު އޮންނާނީ މި މަހު 31 ގަ އެވެ.
އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލިއިރު، މިދިޔަ އޭޕްރީލް 30 ގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެން، ޕާޓީގެ ރައީސްކަމަށް ވާދަ ކުރައްވާނެކަން ހާމަކުރައްވާފަ އެވެ. ނަމަވެސް، އޭނާ މި އިންތިޚާބުގައި ވާދައެއް ނުކުރައްވަ އެވެ.
އެރިއާނާގެ ފަރާތުން ޣައްޒާގެ ކުޑަކުދިންނަށް ބޮޑު އެހީއެއް!
ރޭގަނޑު ހޭލާ އުޅޭނަމަ ހަކުރު ބަލީގެ ނުރައްކާ ބޮޑުވޭ: ދިރާސާ