އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަށް ރަނގަޅަށް މަސައްކަތްކުރާ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހަށް ހުށަހެޅުނު ކަނޑު ދަތުރުފަތުރާ ގުޅޭ ބިލުގެ ބަހުސްގެ ތެރެއިން އެމްއެމްޕީއާރުސީ ހިޔާނާތުގެ ވާހަކަ ވަނީ ފެށިފަ އެވެ. އެ ވާހަކަ ފެށުނީ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާ ދިމާލަށް ބައެއް މެންބަރުން އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތުހުމަތު ގޮވާތީ ހިތްޕުޅުހަމަޖެހިވަޑައިނުގެން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެ ވާހަކަފުޅުގެ ތެރެއިން ޝަރީފާއިި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ މެދުގައި ހިގި ދެބަސްވުމެއްގަ އެވެ.

އެ ދެބަސްވުމަށްފަހު އީވާ ވާހަކަފުޅުގައި ވިދާޅުވީ، މަޖިލީހުން އެމްއެމްޕީއާރުސީ މައްސަލަ ބަލަން އެކަށީގެންވާ ގޮތެއްގައި މަސައްކަތްނުކުރާ ކަމަށެވެ. އަދި މަޖިލީހުން އެ މައްސަލާގައި އެއްބާރުލުން ދިން ކަމަށް ބުނެވޭނެ ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި މަޖިލީހުގެ ކޮމިޓީތަކަށް އިތުބާރުނުކުރައްވާ ކަމުގައި ކަމަށެވެ.

އީވާ ހުށަހެޅުއްވީ މުޅި މަޖިލީހުގެ ކޮމިޓީއަކުން ހާމަކަން ބޮޑު ގޮތެއްގައި އެމްއެމްޕީއާރުސީ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމެވެ.